ވިޔަފާރި

މާލޭގައި ދުއްވާ ވެހިކަލްތަކުގެ އުމުރު ކަނޑައެޅުން ފަސްކޮށްފި


މާލޭގައި ރަޖިސްޓްރީކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ކުރައްވަން ފެށްޓެވި މަސައްކަތް މިވަގުތަށް މަޑުޖައްސަވާލައްވާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒު ޕީއެސްއެމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ އުޅަނދުތައް ދުއްވޭނެ މުއްދަތު ކަނަޑައެޅުއްމަށް ނިންމެވި ނިންމެވުން މިވަގުތަށް މަޑުޖައްސަވާލެއްވީ މިކަމުގައި ވަރަށް ގިނަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާތައް ލިބެމުންދާތީ ކަމަށެވެ.

ގާތްގަނޑަކަށް 2 ކިލޯ މީޓަރުގެ މި ކުޑަކުޑަ މާލޭގެ މަގުތައް ދުވާލާއި ރޭގަނޑު ފެންނަނީ ދުއްވާ ތަކެތިން ތޮއްޖެހި ފުރި ބާރުވެފައިވާތީއެވެ. މާލޭގެ އާބާދީގައި 150،000 އަށްވުރެ ގިނަ މީހުން އުޅެމުންދާއިރު، އެ އަދަދުގެ ތިންބައިކުޅަ އެއްބަޔާއި އެއްވަރަށް މާލޭގެ މަގުތަކުގައި އުޅަނދު ދުއްވައެވެ. މާލޭގައި ދުއްވާ އުޅަނދު މަދުކުރުމަށް ރާއްޖެއަށް އެތެރެކޮށް ރަޖިސްޓްރީކޮށްގެން ދުއްވޭނެ މުއްދަތު ކަނޑައެޅުމަށް ނިންމައި، ޓްރާންސްޕޯޓް އޮތޯރިޓީން މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެންނަމަވެސް މާލޭގައި ދުއްވާ އުނޅަދު ކޮންޓްރޯކުރުމަށް އެއޮތޯރިޓީން ކުރެއްވި މަސައްކަތް ފަސްކުރައްވާފައިވާކަމަށް ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވިއެވެ. މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގުޅިގެން ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް ކަންކަން ރާވާ ހިންގެވުމަށް ކަމަށާ، އުޅަނދުތަކުގެ އުމުރު ކަނޑައެޅުމަށް ކުރެއްވި މަސައްކަތް މަޑުޖައްސާލީ ވަރަށް ގިނަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާތައް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުންދާތީ އެކަން ކަމާގުޅޭ މުއައްސަސާތަކާއެކު އިތުރަށް މުރާޖާއާ ކުރެއްވުމަށްކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. އެގޮތުން ލިބުނު ބައެއް ޝަކުވާތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް އެއްއުސޫލަކުން ސިޔާސަތުތައް ތަންފީޒުކުރުމާ ދެކޮޅަށް ލިބިފައިވާ ޝަކުވާ ހިމެނެއެވެ. އަދި އުމުރު ހަމަވާ އުޅަނދުތަކާމެދު އަމަލަކުރާނެ ގޮތަކާމެދު ބައެއް ރައްޔިތުންގެ ފަރާތުން ޝަކުވާތައް ލިބިފައިވަކަމަށާއި، އަދި ބައެއް ފަރާތްތަކުން މިހާރު ހުރި އުޅަނދުތަކުގެ ފެންވަރު ބެލުން މުހިންމުކަން ފާހަގަކޮށް ޚިޔާލުތައް ހުށަހަޅާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވިއެވެ.

މާލޭގައި ދުއްވާ އެއްގަމު އުޅަނދުގެ ތަފާސް ހިސާބަށް ބަލާއިރު ހަމައެކަނި މާލޭގައި 57،626 އެއްގަމު އުޅަނދު ރަޖިސްޓްރީކޮށް ދުއްވަމުންދެއެވެ. މީގެތެރޭގައި 20 އަހަރުވެފައިވާ 973 ވެހިކަލް އޮތްއިރު ދުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސްވެފައިވާ 4،818 އުޅަނދު އޮތްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 10 އަހަރާއި، 15 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ 10،376 ވެހިކަލް ރަޖިސްޓްރީކޮށްފައިވެއެވެ. 5 އަހަރާއި 10 އަހަރުގެ 17،000 އަށްވުރެ ގިނަ ވެހިކަލް ދުއްވަމުންދާއިރު 5 އަހަރުވީ އެއްގަމު އުޅަނދުގެ އަދަދު 23،000 އަށްވުރެ މަތިކަމަށް ތަފާސްހިސާބުން ދައްކައެވެ. ރާއްޖޭގައި މީގެކުރިން ހަމަޖެހިފައި އޮންނަ އުޞޫލުން އެއްގަނމު އުޅަނދުތަކަށް ދުއްވުމުގެ ޢުމުރު ކަނޑައެޅިފައިވަނީ ޓެކްސީތަކަށް އެކަންޏެވެ. މާލޭގައި ދުއްވާ އެއްގަމު އުޅަނދު ކޮންޓްރޯލްކުރުމަށް ކުރިއްސުރެވެސް އުޞޫލުތަކެއް ގެއްގުޅުއްވައެވެ. އޭގެތެރޭގައި އެއްގަމު އުޅަނދެއް އެތެރެކުރެވޭނީ ހަތަރުފުރޮޅުލީ އުޅަނދެއްނަމަ އުފެއްދި ތާރީޚުން ފެށިގެން 5 އަހަރު ނުވާ އުޅަނދުފަހަރެވެ. އަދި ސައިކަލެއްނަމަ އެތެރެކުރެވެނީ އަލަށް އެއްވެސް ވަރަކަށް ބޭނުންނުކޮށް ހުންނަ ސައިކަލެވެ.