އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލާގައި ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުކަމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނީ ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ދިވެހި ދައުލަތުން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅިގެން ދިއުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށާއި އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރެއްވި އެޓާނީ ޖެނެރަލްގެ ލީގަލް ޓީމަށް މަރުހަބާ ދަންނަވާ ނެރުނު ބަޔާނުގައެވެ.
އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ރާއްޖޭގެ އިގްތިސާދީ އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މި މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއުކުރަމުން ދިޔައިރު ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުންްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ބައިގަރުނަށް ވުރެން ގިނަ ދުވަސްވީ މި މައްސަލަ ނިމި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިއުމަކީ އެމްޑީޕީން އުފާވެރިކަމާއެކު ބަލައިގަންނަކަމެއްކަމަށެވެ.