ޚަބަރު

ރަމަޟާންމަހު ޕީއެސްއެމްއިން ގެނެސްދިން ޝޯވތަކުގެ އިނާމްތައް ލިބުނު ބައިވެރިން ހޮވައިފި


ރަމަޟާންމަހާ ދިމާކޮށް ގިނަ ޕްރޮގްރާމްތަކެއް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ އެކި ޗެނަލްތަކުން ކޮންމެ އަހަރުވެސް ގެނެސްދެއެވެ. މިގޮތަށް ގެނެސްދޭ ޕްރޮގްރާމްތަކަކީ ޢާއްމުންގެ ބޮޑު މަޤުބޫލުކަމެއް ލިބޭ ޕްރޮގްރާމްތަކެކެވެ. ސަބަބަކީ ހިތްގައިމު އެތައް ޕްރޮގްރާމެއްގެ ތެރެއިން ޢާއްމުނަށް ގިނަ މަޢުލޫމާތުތަކަކާއި، އިނާމުތަކެއް ދެވެއެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ އެކި ޗެނަލްތަކުން ވަނީ ގިނަ ޕްރޮގްރާމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. މިގޮތުން ޓީވީ ޗެނަލްތަކުގެ ތެރެއިން ޓީވީއެމްއާއި ޕީއެސްއެމް ނިއުސްއިންވެސް ވަނީ ފޯރިގަދަ އެތައް ޕްރޮގްރާމެއް ގެނެސްދީފައެވެ. މި ޕްރޮގްރާމްތަކަށް ޢާއްމުންގެ ބޮޑު ތަރުޙީބެއްވެސް ވަނީ ލިބިގެން ގޮސްފައެވެ.

ރަމަޟާންމަހުގެ އެކި ދުވަސްތަކުގައި ގެނެސްދިން އެކި ޕްރޮގްރާމްތަކާއި މުޅި މަހަށް އަމާޒުކޮށް ގެނެސްދިން އެކި ސުވާލުތަކާއި މަސައްކަތްތަކާއެކު އަގުހުރި ބޮޑެތި އެތައް އިނާމެއް ވަނީ ކަނޑައަޅައިފައެވެ. ރަމަޟާން މަސް ނިމި މިހާރު ވަނީ މިއިނާމުތައް ލިބޭ ނަސީބުވެރިން ވަނީ ހޮވާފައެވެ. މިގޮތުން އަގުހުރި އިނާމްތަކުގެ ތެރޭގައި ސައިކަލާއި ޓީވީއާއި ފައިސާގެ އިނާމްތައް ހިމެނެއެވެ.

ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ އަގުހުރި އިނާމަކީ އަދި އެންމެ ގިނަ ބަޔަކު ބޭނުންވި އިނާމަށްވީ ޕީއެސްގެ މިވަގުތު ޕްރޮގްރާމްގެ ތެރެއިން ގުރުއަތު ނެގި ޕީއެސްއެމް ކަނެކްޓްގެ "ޢީދު ބޮޑު ހަދިޔާ" ގެ ގޮތުގައި ކަނޑައަޅާފައިވި ހޮންޑާ އެއަރބްލޭޑް ސައިކަލާއި 65 އިންޗީގެ ޓީސީއެލް ޓީވީއެވެ. މިސައިލަކާއި ޓީވީގެ އިނާމް ލިބިފައިވަނީ ފަޒްލާ ޢަބްދުއްސަމަދަށެވެ. ޓީވީއެމް މެދުވެރިކޮށް އެންމެ ގިނަ އެސްއެމްއެސް ކޮށްގެން ސްކޫޕީ ސައިކަލެއް ލިބިފައިވަނީ އަޝްރަފް މުޙައްމަދަށެވެ. މީގެއިތުރުންވެސް ގިނަ އިނާމްތަކެއް ޓީވީއެމްގެ އެކި ޕްރޮގްރާމްތަކުގައި އެކި ބައިވެރިންނަށް ވަނީ ލިބިފައެވެ.

ނިއުސް ޓީމުން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް އިނާމަކީ ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ގެނެސްދިން "ހަވީރުގަޑި" ޕްރޮގްރާމްގައި ކޮންމެ ދުވަހަކު ގެނެސްދިން ބޮޑު ސުވާލުގެ އެންމެ ގިނަ ޖަވާބު ދިމާކޮށް، ގުރުއަތުން ހޮވޭ ބައިވެރިއާއަށް ދޫކޮށްލި ސްމާޓް ޓީވީއެވެ. 6 ރޯދައިގެ އެންމެ ފަހު ދުވަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމްގައި 65 އިންޗީގެ ޓީވީ ލިބިފައިވަނީ އާމިނަތު މައިމޫނާއަށެވެ.

މީގެ އިތުރުން މުޅި ރަމަޟާން މަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ރޯދަ ކުއިޒް" ޕްރޮގްރާމްގައި ގެނެސްދިން ސުވާލުތަކުގެ ހުރިހާ ސުވާލެއް ދިމާކުރި މީހުންގެ ތެރެއިން ގުރުއަތު ނަގައި އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމް ދޫކޮށްފައިވެއެވެ. މިގޮތުން އެއްވަނައަށް ދިޔަ އާމިރު ރަޝީދަށް ވަނީ 15000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. އަދި ދެވަނައަށް ހޮވުނު އަޙްމަދު ނަސީމަށް ވަނީ 10000 ރުފިޔާ ލިބިފައެވެ. އަދި ތިންވަނައަށް ހޮވުނު އަޙްމަދު މުޙައްމަދަށް ވަނީ 5000 ރުފިޔާ ލިބިފައެވެ.

މިނޫސްވެސް އެކި އިނާމްތައް ޕީއެސްއެމް ނިއުސްގެ ޓީވީ ޕްރޮގްރާމްތަކުގައި ކޮންމެ ދުވަހަކުވެސް ވަނީ ދޫކޮށްލާފައެވެ. އަދި ޢީދު ދުވަހު ޚާއްޞަ ޝޯވްތަކާއި ޚާއްޞަ އިނާމްތައްވެސް ޝޯވްތަކުގައި ވަނީ ދީފައެވެ. ޕީއެސްއެމްގެ ޗެނަލްތަކުގެ މައިގަނޑު މަޤްސަދަކީ ޢާއްމުން ބަލާހިތްވާ ފޯރިގަދަ ޕްރޮގްރާމްތަކެއް ކޮންމެ އަހަރެއްގައިވެސް ގެނެސްދިނުމެވެ.