ޚަބަރު

އިސްކަންދިނީ ރާއްޖޭގެ މަޞްލަހަތަށް، ނަތީޖާއާމެދު ހިތްހަމަޖެހޭ: ރިފްޢަތު


ރާއްޖޭގެ ދެކުނުން އިން ކަނޑައެޅިގެން ދިޔަދިއުމަކީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅި، ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކުގެ މަތިން ރާއްޖެއަށް އެ ސަރަޙައްދުގެ މައްޗަށް ސިޔާދަތީ ޙައްޤުލިބިގެން ދިޔަކަމެއްކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ. ބަންޑާރަ ނާއިބު މިހެން ވިދާޅުވީ، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ނިންމި ނިންމުމާއި ގުޅިގެންކުރެއްވި ޓްވީޓްގައެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލީޑާޝިޕްގެ ދަށުން، އަދި ރާއްޖޭގެ ޤާނޫނީ ޓީމުން އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތްކުރުމަށްކމަށެވެ. އަދި އެކަން ކާމިޔާބު ކުރެވިފައިވާކަމަށް ބަންޑާރަ ނާއިބު ސިފަކުރެއްވިއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ ރާއްޖެ އާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަކިލޯމީޓާރު އަދި މޮރީޝަސްއަށް 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ލިބިގެންވާ ކަމަށެވެ. ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ހުށައެޅިގޮތަށްކަން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އުތުރު އައުޓަރ ކޮންޓިނެންޓަލް ޝެލްފު މޮރިޝަސްއަށް ހައްގުވާކަމަށް ސާބިތުކޮށްދެވިފައި ނުވާތީ، މޮރީޝާސްއިން އެދިފައިވާގޮތަށް ރާއްޖެ އާއި މޮރީޝަސްއާ ދެމެދުގައިވާ އައުޓަރ ކޮންޓިނެންޓަލް ޝެލްފު ޑީލިމިޓްނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވާކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވެސް ވަނީ ޓްރައިބިއުނަލުން ރާއްޖޭގެ ބައުންޑަރީ ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ދެކުނުން ޚާއްޞަ އިޤްތިޞާދީ ސަރަޙާއްދުގެ އައުޓަރ ލިމިޓް ކަނޑައެޅުނީކަމަށެވެ.