ޚަބަރު

ކުރީގެ ސަރުކާރުން ނިންމަވައިފައި އޮތީވެސް ފުށުއަރާ ސަރަޙައްދު ހަމައަށް ބަހާލަން: ޔައުމިއްޔާ


ރާއްޖެ އާއި މޮރީޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ މައްސަލާގައި ކުރީގެ ސަރުކާރުތަކުގައި ވެސް މަޝްވަރާކުރައްވާފައިވަނީ ފުށުއަރާ ސަރަޙައްދު ހަމައަށް ބަހާލުމަށްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ، ރާއްޖޭގެ "އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް ކްލެއިމް" ކުރުމުގެ މައްސަލައާ ގުޅޭގޮތުން 2012 ވަނަ އަހަރުގެ ސެޓެމްބަރު 2 ވަނަ ދުވަހު އެކުލަވައިލި އޭރުގެ ސަރުކާރުގެ ކެބިނެޓްގެ ސަބް ކޮމިޓީގެ ޔައުމިއްޔާއިންނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުގެ ޔައުމިއްޔާގައި ކޮންޓިނެންޓަަލް ޝެލްފް އިތުރުކުރުމަށް ރާއްޖޭއިން 2010 ވަނަ އަހަރު ހުށަހެޅުމުން އެކަމަށް ދެކޮޅު ހެދީ މޮރިޝަސްއިން އެކަނިކަމަށް ބަޔާންކޮށްފައިވެއެވެ. އެފަދަ ހުށައެޅުމަކަށް އެއްވެސް ޤައުމަކުން ރިޒަވޭޝަނެއް ހުށައަޅައިފިނަމަ އެކަމެއް ނުބަލައި، އަސްލު މައްސަލަ ކޯޓުން ނުނިންމާނެ ކަމަށް އެ ބައްދަލުވުމުގައި ބުނެފައިވާކަމަށް ޔައުމިއްޔާގައި ބުނެފައިވެއެވެ. އަދި މޮރީޝަސްއިން ދަޢުވާކުރާގޮތަށް ޗާގޮސް އާކިޕެލަގޯއަކީ އެޤައުމުގެ ބައެއްކަމަށް ނިންމައިފިނަމަ އެޤައުމަށް ލިބޭބައި ބޮޑުވާނެކަމަށް ބުނެފައިވާކަމަށެވެ.

އެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން މޮރިޝަސްއިން އެ ގައުމުގެ އިން، ކަނޑައަޅަން ރޮނގު ދަމަން ފަށަންޖެހޭ ބޭސް ޕޮއިންޓަކީ "ބްލެންހެމް ރީފް" ކަމަށް ބުނާއިރު، ކެބިނެޓުގެ ސަބް ކޮމިޓީގައިވެސް ވާހަކަ ދައްކާފައިވަނީ، އެ ޕޮއިންޓް ބެލުމުން މޮރިޝަސްއަށް ލިބޭ ބައި ބޮޑުވާނެ ކަމަށެވެ.

އެ ނިންމެވުން މަޝްވަރާކުރެއްވި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އޭރުގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމާއި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝަފީޢުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދުއެވެ.

އޭރުގެ ސަރުކާރުގެ ކެބިނެޓުގައި އެގޮތަށް މަޝްވަރާކުރެއްވި ނަމަވެސް މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ން ނިންމީ ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށެވެ.

ޔަޢުމިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައި އޭރު ފޮރިން މިނިސްޓަރުކަމުގައި ޑރ.އަޙްމަދު ޝަހީދު ހުންނެވިއިރު، މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް ރާއްޖޭގެ ހުށަހެޅުން ވެސް ބަދަލުކުރަން އެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 1982 ވަނަ އަހަރު ރާއްޖެ އާއި ޗާގޯސްގެ މެދުން ބަހާލަން އިނގިރޭސި ވިލާތާއެކު އެއްބަސްވެފައިވާ ބައްދަލުވުމެއްގެ ޔައުމިއްޔާއެއްގައި މުޙައްމަދު ޝިހާބު ސޮއިކުރައްވާފައި އޮތްކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައި ނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

ދެޤައުމުގެ ފުށުއަރާ ސަރަޙައްދު ދެޤައުމުން އެއްބަސް ނުވެވޭ ޙާލަތުގައި، ބައިނަލްއަޤްވާމީ އުޞޫލުތަކުން ބަޔާންކުރަނީ، އިން ވަކިކުރާނީ "އިކުއިޑިސްޓެންސް"އަށް ބަލައިގެންކަމަށެވެ. މި އުޞޫލަށް ބަލާއިރު، ދެޤައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ އިން ވަކިކުރަން ފަށާނެ ހިސާބަކާ މެދުއެވެ. އެއީ ހަމައެކަނި ހިކި ދިޔަވަރުގައި އެކަނި ފެންނަ ފަރެކެވެ. ނަމަވެސް ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުވަތަ އިން ވަކިކުރަން ފަށާ ހިސާބުގެ ގޮތުގައި ނުބެލޭނެ ކަމަށެވެ. ބޭސް ޕޮއިންޓަށް ބަލައިފިނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބެއެވެ. ނަމަވެސް ރާއްޖެއިން ހުށައެޅި ލިޔެލިޔުންތަކާއި ހެކިތަކަށް ބަލައި، އިޓްލޮސްއިން ނިންމާފައިވަނީ މޮރީޝަސްގެ ހުށައެޅުން ބަލައި ނުގަތުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ "ބްލެންހެމް ފަރު" ގެ ސަރަޙައްދުން ފެށިގެން މިން ނޭޅުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި "އިކުއިޑިސްޓަންސް" ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

އެހެންކަމުން މޮރީޝަސްއާއި ދެކޮޅަށް މި މައްސަލަ ނިމުމާ ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4600 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ލިބިފައެވެ.