އީރާނާއި، ސޫރިޔާއާއި، ތުރުކީވިލާތާއި، ރަޝިޔާގެ ދިފާޢީ ވަޒީރުން ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫގެ އިސްނެންގެވުމުގެ މަތިން ވެރިރަށް މޮސްކޯގައި ބޭއްވި މި ބައްދަލުވުންތަކުގައި މަޝްވަރާ ކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ސޫރިޔާއާއި ތުރުކީވިލާތާ ދެމެދު މެދުކަނޑައިލާފައިވާ ގުޅުންތައް އަލުން އިޔާދަކުރުމެވެ.
ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު އޮތް ގުޅުންތައް ތުރުކީވިލާތުން ކަނޑައިލާފައި ވަނީ 2011 ވަނަ އަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށި ހިސާބުންނެވެ. "ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު އަލުން ގުޅުން ގާއިމުކުރުމުގެ އިތުރުން ސޫރިޔާގެ ސަލާމަތާއި ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މުހިންމު މަޝްވަރާތަކެއް ކުރިއަށްދިޔަ،" ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
ހަތަރު ޤައުމުގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ބާއްވާފައިވާ ކަމަށާއި، ސޫރިޔާގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކުގެ ހަރަކާތްތައް ނިމުމަކަށް ގެނައުމަކީ ރަޝިޔާއިން ނުހަނު އިސްކަންދޭ ކަމެއް ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.
ތުރުކީވިލާތުން ވެސް ބުނީ ރަޝިޔާއިން އިސްނަގައިގެން ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައިވާ ކަމުގައެވެ. އަދި، ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެހެން ޤައުމުތަކަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ ރެފިޔުޖީން އެ ޤައުމަށް އަނބުރާ ގެންދިޔުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމުގައި ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމުގައި ހަރަކާތްތެރިވާ ތުރުކީވިލާތުގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ބޭލުމާ ގުޅޭ ގޮތުން ތުރުކީވިލާތުގެ ދިފާޢީ ވަޒީރާ އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ކުރިން ސޫރިޔާގެ ރައީސް ބައްޝާރް ހަފިޛް އަލް-އަސަދާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަކީ ގާތް ގުޅުމެއް ބާއްވަވަމުން ގެންދެވި ދެ ބޭފުޅުންނެވެ.
ތުރުކީވިލާތާއި ސޫރިޔާ ސުލްޙަކުރުވަން ރަޝިޔާއިން މަސައްކަތް ކުރަމުން މި ދަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާ އެކަހެރިކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. މިއީ، އެ އެކަހެރި ކަމުން ސަލާމަތް ވާން ރަޝިޔާއިން ބޭނުންކުރާ ފުރުޞަތެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި 500,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއެވެ. ނަމަވެސް، ހަޤީޤަތުގައި އެ ޢަދަދު އެއަށްވުރެ ބޮޑުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ހަނގުރާމައިގައި އެތަކެއް މިލިޔަން މީހުންނެއް ރެފިޔުޖީންނަށް ވެފައިވެއެވެ.