ބ. އޭދަފުށީ ކައުންސިލާއި ކުލަބު އޭދަފުށިން އިންތިޒާމުކޮށްގެން ބޭއްވި ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕް 2023 ގެ ޗެމްޕިއަންކަން އެފްރޯ ސްޕޯޓްސްއިން ހޯދައިފިއެވެ.
އެފްރޯ ސްޕޯޓްސްއިން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލުގައި ޒުވާން ޓީމު އޯލް ވޮލްސް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފެށިގެން ދެ ޓީމުންވެސް ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މެޗު ފެށިގެން އޯލް ވޮލްސްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަަތެއް ވަނީ ލިބިފައެވެ. އެކަމަކު އެ ދެ ހަމަލާގެ ހުރަހަކަށް ވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެފްރޯގެ ގޯލްކީޕަރު އަބްދުﷲ ނާސިހެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެފްރޯއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މުޙައްމަދު ފާސިރު (ފާއްޓޭ) އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަޝްރަފް (ސޮބީ) އެވެ.
މި މެޗުގެ އެފްރޯއިން ލީޑުފުޅާކުރި ލަނޑު ޖެހީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު، ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާގައި އެފްރޯ ކުރީގައި އޮވެގެންނެވެ.
މި މެޗުގައި އެފްރޯއިން ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މުޙައްމަދު އައްޒާމަށް އޯލް ވޮލްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ މުޙައްމަދު ޝުއާއު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާއްޓޭއެވެ. އަދި އެފްރޯގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އައްޒާމެވެ.
އޭދަފުށީ ފުޓްސަލް ކަޕުގައި މި ފަހަރު 12 ޓީމެއް ވާދަކުރިއިރު، ޗެޕްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާ އަދި ރަނައަޕް ޓީމަށް ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯލް ވޮލްސްގެ އުމުރުން 17 އަހަރުގެ އަޙްމަދު ޖައުޝަން އަބްދުﷲއެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އޯލް ވޮލްސްގެ ޖައުޝަން އާއި އެ ޓީމުގެ މުޙައްމަދު ޝުއާއުގެ އިތުރުން އެފްރޯގެ އައްޒާމާއި، ފާއްޓޭ އަދި އެ ޓީމުގެ ގޯލްކީޕަރު ނާސިހެވެ.
މި މިބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހަތަރު ކުޅުންތެރިއަކު ހިމެނުނެވެ. އެއީ ސީސީ ސްޕޯޓްސްގެ މުއާޒު އަލީ އާއި، އެ ޓީމުގެ މުޙައްމަދު އައިހަމާއި، ސީސީ ދަ ރެޑްސްގެ މުޙައްމަދު ރިފްޝާނުގެ އިތުރުން ނަލަ ބްރަދާސްގެ މުޙައްމަދު އަޖުފާނެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްރޯގެ ކޯޗު އައްޒާމް އަލިފުޅެވެ.
މި މުބާރާތަކީ އޭދަފުށީ ކައުންސިލުން އެ ރަށުގައި އެޅި ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ފުޓްސަލް މުބާރާތެކެވެ. އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތުދެއެވެ.