ޚަބަރު

މާލޭގައި 25 ބުރީގެ އޮފީސް ކޮމްޕްލެކްސްއެއް އަޅަނީ


މާލޭގައި ސަރުކާރުން ބިނާކުރައްވާ ފަންސަވީސް ބުރީގެ އޮފީސް ކޮމްޕްލެކްސް އެޅުއްވުމުގެ މަސައްކަތް މެލޭޝިޔާގެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.



މިއަދު ހޮޓެލް ޖެންންގައި ބޭއްވެވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރ ޢަބުދުﷲ ޖިހާދެވެ. މި މަސައްކަތާ ޙަވާލުވި މެލޭޝިޔާގެ ޑަބްލިއު.ޒެޑް.އާރ ޕްރޮޕަރޓީ ސެންދްރިއަންބަރްހާދުގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ދާތޯ އަޙުމަދު ކަމާލް ބިން ކަސާނީއެވެ.



މި އިމާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަލް އާއި ގްލާސް ބޭނުންކޮށްގެން ޢިމާރާތްކުރާ ފުރައްތަމަ ޢިމާރާތަށް ވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ. 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ މި ޢިމާރާތަކީ އެތަނުން ބައިތައް ކުއްޔަށް ދޫކުރައްވައިގެން، ލިބިވަޑައިގަންނަވާ ފައިސާއިން ދެކޮޅުޖެހިގެންދާނެ ޢިމާރާތަކަށް ހައްދަވާނެކަމަށެވެ. އަދި މި ޢިމާރާތަކީ ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން ބިނާކުރައްވާ ޢިމާރާތެއް ނޫންކަމަށާއި އެހެންކަމުން މިއީ ބަޖެޓަށް ލިބިގެންދިޔަ ލުޔެއްކަމަށްވެސް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ.



މި އިމާރާތަކީ ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގައި ބިނާކުރައްވާ އިމާރާތެކެވެ. މި އޮފީސް ކޮމްޕްލެކްސް ޢިމާރާތް 36 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މި އިމާރާތުގައި ޖަލްސާކުރާ ހޯލަކާއި ނަމާދުކުރާ ތަނަކާއި ރެސްޓޯރެންޓަކާއި ޕާކްކުރާނެ ޖާގައިގެ އިތުރުން ތިރީސް ހާސް ކިއުބިކް މީޓަރ ފެން ރައްކާކުރެވޭނެ ޖާގަ މި ޢިމާރާތުގައި ހިމެނޭނެކަމަށް ފިނޭސް މިނިސްޓަރ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ މި ޢިމާރާތުގެ ސަބަބުން ގިނަ ކަންތައްތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.



މި އޮފީސް އެކުވެނި ބޭނުންކުރައްވަން ނިންމަވާފައިވަނީ ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމަށް، ޖާގައިގެ ދަތިކަން ހުރި ތަންތަން ހިންގެވުމަށްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއްވިއެވެ. މި އިމާރާތް ބިނާކުރެއްވުމަށް ގާތްގަނޑަކަށް 123 މިލިޔަން ޑޮލަރު ހަރަދުވާނެކަމަށް ފިނޭންސް މިނިސްޓަރީން ވިދާޅުވިއެވެ.