ޚަބަރު

ސިމް ވިއްކުން ލިމިޓުކުރާ ޤަވާޢިދު 15 ދުވަހުގެތެރޭގައި ނިންމަން ލަފާދެއްވައިފި


ސްކޭމް ކޯލްތައް ހުއްޓުވުމުގެ ގޮތުން، ކޮންމެ މީހަކަށް ގަނެވޭ ސިމްގެ ޢަދަދު ލިމިޓް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ ޤަވާޢިދު 15 ދުވަހުގެ ތެރޭގައި ނިންމަން ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އާއި، ސްކޭމް ކޯލްތައް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ސްޓެޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ވަނީ ދިރާސާކުރައްވާފައެވެ. އަދި އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ އާއި ސްކޭމް ކޯލްތައް ހުއްޓުވުމަށް ކޮމިޓީން ވަނީ ގިނަ ލަފާތަކެއް ދެއްވާފައެވެ.

ކޮމިޓީގެ ރިޕޯޓަށް މަޖިލީހުހެ ތަޅުމުގައި ވަނީ ވޯޓަށް އައްސަވައިފައެވެ. އެ ރިޕޯޓް ފާސްވީ 45 މެންބަރުންގެ އިއްތިފާޤުންނެވެ. މަޖިލީހުން ފާސްކުރެއްވި އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ، ސްކޭމް ކޯލްތައް ހުޓުއްވުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ މީހަކަށް ގަނެވޭ ސިމްގެ ޢަދަދު ލިމިޓް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ ޤަވާޢިދު 15 ދުވަހުގެ ތެރޭގައި ނިންމަވަން ލަފާދެއްވުމަށް ހިމަނުއްވައިފައެވެ. އަދި ސްކޭމް ކޯލްތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިވަޑައިގެން ޓާސްކްފޯހެއް ހަދަންވެސް ކޮމިޓީގެ ރިޕޯޓްގައި ލަފާދެއްވާފައިވެއެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ ކަސްޓަމަރުން އަލަށް ނަގާ ސިމްތަކުގެ މައުލޫމާތު ފުރިހަމަނުކޮށް ބޭނުންކުރާ މައްސަލަ މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ޙައްލުކުރައްވައިފައިވާ ކަމަށާއި، ނަމަވެސް އޭގެ ކުރިން ނަގާފައިވާ ސިމް ކާރޑުތަކުގެ މައްސަލަ ޙައްލުކޮށްފައިނުވާ ކަމަށްވެސް ބަޔާންކުރައްވާފައެވެ.


ރާއްޖޭގައި ބޭނުންކުރާ ހުރިހާ ސިމްތަކަކީ ރަޖިސްޓްރީވެފައިވާ ނަމްބަރުތަކެއްކަން ކަށަވަރު ކުރުމަށާއި، އެ ނަމްބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީއަށް ލަފާދެއްވުމަށް ވެސް އެ ރިޕޯޓުގައި ހިމަނުއްވާފައިވެއެވެ. މީގެ އިތުރަށް ފްރޯޑް ކޯލްތަކުގެ މައްސަލަ މާފުށީ ޖަލުން ފެށިގެން އަންނައިރު އެފަދަ ކޯލްތައް ޓެޕްކުރުމަށް ހަރުކޮށްފައިވާ ޓަވަރަށް ލިބޭ 14 މައުލޫމާތެއް ޙިއްޞާކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ޓެލެކޮމިއުނިކޭޝަން ސަރވިސް ޕްރޮވައިޑަރުން ޙިއްޞާކުރަމުން ގެންދަނީ ނުވަ މައުލޫމާތެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ޙައްލުކުރުމަށް، އެކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމަށްވެސް ލަފާދެއްވާފައިވެއެވެ.

އެސްއޯއީ ކޮމިޓީއަށް ފުލުހުން ދެއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ފުލުހުންނަށް އެފަދަ 1087 މައްސަލަ ހުށަހެޅިއެވެ. އޭގެ ކުރީ އަހަރު 601 މައްސަަލަ އަދި މިއަހަރުގެ މިހާތަނަށް 155 މައްސަލަ ހުށަހަޅުއްވައިފައިވާކަން ފުލުހުން ހާމަކުރައްވައެވެ.