ކުޅިވަރު

އޭދަފުށީ ފުޓްސަލް ކަޕް: އޯލް ވޮލްސް އާއި އެފްރޯ ސްޕޯޓްސް ފައިނަލަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕް 2023 ގެ ފައިނަލަށް ޒުވާން ޓީމް އޯލް ވޮލްސް އާއި އެފްރޯ ސްޕޯޓްސް ދަތުރުކޮށްފިއެވެ.

އޯލް ވޮލްސް ފައިނަލަށް ދިޔައީ މި މުބާރާތުގައި މޮޅަށް ކުޅެމުންއައި ނަލަ ބްރަދާސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. މި މެޗް އެޓީމު މޮޅުވީ މެޗްގެ ފުރިހަމަ ވަގުތުގައި 2-2 ން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން 4-5 ންނެވެ. ދެޓީމްގެ ފަރާތުން މޮޅު ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ފުރަތަމަ ލީޑް ނެގީ ނަލަ ބްރަދާސް އިންނެވެ. އެޓީމުގެ ފުރަތަމަ ލަނޑުޖެހީ މެޗްގެ ހަވަނަ މިނެޓްގައި އަހުމަދު އަފްނާނެވެ.

މި ލަނޑާއެކު ޒުވާން ޓީމްގެ އެޓޭކްތައް ވަރުގަދަކޮށް އެ ޓީމުން ވަނީ ދެމިނެޓް ތެރޭގައި ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ޖެހީ ނަލަ ބްރަދާސްގެ ގޯލް ކީޕަރަކަށް ހުރި ސަމްއޫން މުހަމަދުގެ ދަރިފުޅު މުހައްމަދު ސުއާއު ސަމްއޫންނެވެ. އެލަނޑަށް ފަހު ވިދިވިދިގެން ނުރައްކާތެރި ދެ ހަމަލާއެއް ނަލަ ބްރަދާސްގެ ގޯލަށް އަމާޒުކޮށް އޯލް ވޮލްސް ޓީމުގެ ކުޅުންތެރިން ވަނީ ފޮނުވާލާފައެވެ.

މެޗްގެ ނަލަ ބްރަދާސްއިން އަލުން ލީޑްނެގީ ދެވަނަ ހާފްގެ އަށްވަނަ މިނެޓްގައި މުހައްމަދު އަޖުފާން ކާމިޔާބުކޮށްދިން ލަނޑުނެވެ. އެކަމަކު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މުހައްމަދު ތޯޙިރު ވަނީ ލަނޑެއް ޖަހައި އޯލް ވޮލްވްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެއާއެކު ނަތީޖާ ނެރުމަށް ކުރިއަށްދިޔަ ޕެނަލްޓީ ޝޫޓް އައުޓްގައި ނަލަ ބްރަދާސް ޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ކާމިޔާބުނުވިއެވެ. އެއާއެކު އޯލް ވޮލްސް އިން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ހޯދާފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އެފްރޯ ސްޕޯޓްސް އިން ހޯދީ ފަސޭހަކަމާއެކު މުރިނގު އެފްސީ ބަލިކުރުމަށްފަހުގައެވެ. އެ މެޗުން އެޓީމް މޮޅުވީ 7-1 ގެ ނަތީޖާއަކުނެވެ.

މެޗުގެ ފުރަތަމަ ހާފް ފެށިގެން ރަގަޅަށް ކުޅެމުން ދިޔައީ މުރިނގު އެފްސީ ޓީމުންނެވެ. އެޓީމްގެ އަލީ ނަސީމް ވަނީ ނުރައްކާތެރި ދެހަމާއެއް އެފްރޯ ސްޕޯޓްސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗްގެ އޮއިވަރު ބަދަލުވީ އިޝާން އިބްރާޙިމް އޭރިއާ ބޭރުން ޖެހި ބޯޅަ މުރިނގު ޓީމްގެ ކީޕަރު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ގޯލުގެ ތެރެއަށް ވަން ހިސާބުންނެވެ. މުހައްމަދު ފާސިރާއި އިޝާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެފްރޯއިން މެޗްގެ ލީޑު ފުޅާކުރީ އަހުމަދު އަޝްރަފް މެޗްގެ ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް އެފްރޯގެ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން މުރިނގު ޓީމްއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެކަމަކު އަލީ ނަސީމް ފޮނުވާލި އެ ޕެނަލްޓީ އެފްރޯގެ ގޯލްކީޕަރު އަބްދުﷲ ނާސިޙް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި އެފްރޯގެ އަޙްމަދު އަޝްރަފް ހެޓްރިކް ހެދިއިރު އިޝާން ވަނީ އިތުރު ލަނޑެއްވެސް ޖަހައިދީފައެވެ. އަދި އަނެއް ލަނޑުތައް ޖެހީ އަބްދުﷲ ޒައީމާއި ހައްފާފް ސިދުގީއެވެ. މި މެޗްގައި މުރިނގު އެފްސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ހައްމާދުއެވެ.

މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރި އޯލް-ވޮލްސް އާ އެފްރޯ އަކީ އެއްގުރޫޕެއްގައި އޮތް ދެޓީމެވެ. މި ދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް 2-1 ން ކާމިޔާބުކުރީ އޯލް-ވޮލްސްއެވެ.