ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ ލިސްޓުގެ ކުރީގައި އޮތް ޗައިނާ ވައްޓައިލުމަށް ފަހު ކުރިއަށް އޮތް ހަފުތާގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަށް އިންޑިޔާ ވެގެންދާނެއެވެ. މި ކަން ހާމަކޮށްފައި ވަނީ އ.ދގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒުންނެވެ. ކުރިއަށް އޮތް ހަފުތާގައި އިންޑިޔާގެ އާބާދީ 1.43 ބިލިޔަން ފަހަނައަޅައިދާނެ ކަމުގައި އ.ދއިން ބުނެއެވެ.
"މި ހިނގާ އޭޕްރިލް މަސް ނިމުމުގެ ކުރިން އިންޑިޔާގެ އާބާދީ 1,425,775,850 އިން މައްޗަށް އަރާނެ. ޗައިނާގެ އާބާދީއާ އަރާ ހަމަކުރާނެ. އަދި، އެ ޢަދަދު ފަހަނައަޅައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަކީ އިންޑިޔާއަށް ވެގެންދާނެ،" އ.ދގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒުން ބުންޏެވެ.
ހުސްވި ހަފުތާގައި އ.ދއިން ޢާންމު ކުރި ދުނިޔޭގެ އާބާދީގެ ހާލަތާ ގުޅޭ ރިޕޯޓުގައި ބުނެފައި ވަނީ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަކަށް އިންޑިޔާ ވާނެ ކަމަށް ބެލެވެނީ މި ހިނގާ 2023 ވަނަ އަހަރުގެ މެދުތެރޭގައި ކަމުގައެވެ. އިންޑިޔާގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާއިރު، ޗައިނާގައި އަލަށް އުފަންވާ ކުދިންގެ ޢަދަދު ދަނީ ދަށްވަމުންނެވެ. ހުސްވި 2022 ވަނަ އަހަރު ޗައިނާގެ އާބާދީ ވަނީ 1.426 ބިލިޔަނަށް އަރާފައެވެ. ނަމަވެސް، އެއަށްފަހު އަލަށް އުފަންވާ ކުދިން ޢަދަދު މަދުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ފަސްވަނަ ގަރުނުގައި ރޯމަނުންގެ ވެރިކަން ވެއްޓުނު ފަހުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ ގޮތުގައި ދެމި އޮތީ ޗައިނާއެވެ. ނަމަވެސް، މި ހިނގާ ގަރުނު ނިމުމުގެ ކުރިން ޗައިނާގެ އާބާދީ 1 ބިލިޔަނަށް ވެއްޓޭނެ ކަމުގައި އ.ދއިން އަންދާޒާ ކުރެއެވެ. ޗައިނާގެ އާބާދީ ދަށްވާން ފަށާފައި ވަނީ، 2016 ވަނަ އަހަރާ ޖެހެންދެން އެ ޤައުމުގައި ތަންފީޒު ކުރަމުން ގޮސްފައިވާ ކޮންމެ ދެމަފިރިއަކަށް އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ހޯދުން މަނާކޮށްފައި އޮތް ސިޔާސަތުގެ ސަބަބުންނެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ އަގުތައް އުފުލުމާއި، އަންހެނުން މަތީ ތަޢުލީމު ހާސިލުކުރުމާއި މަސައްކަތުގައި މައިދާނަށް ނިކުތުން އިތުރުވުމަކީ ވެސް ޗައިނާގެ އާބާދީ ދަށަށް ދިޔުމަށް މެދުވެރިވި އެއް ސަބަބު ކަމުގައި އ.ދގެ ރިޕޯޓުތަކުން ބުނެއެވެ. ކަން މިހެން އޮތްއިރު، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިންޑިޔާގެ އާބާދީ އެތަކެއް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ވެސް އ.ދއިން އަންދާޒާ ކުރެއެވެ.
ދެ ޤައުމަށް ވެސް ކުރިއަށް އޮތީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ގޮންޖެހުން ކަމުގައި މާހިރުން ބުނެއެވެ. އެ ކަމުގައި ޗައިނާއަށް އޮތް ބުރަ ބޮޑު ކަމުގައި ވެސް މާހިރުން ދެކެއެވެ. އިންޑިޔާއަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި އެ ޤައުމުގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކަރަންޓާއި ފެނާއި ގެދޮރުވެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އެ ޤައުމުގެ ބޮޑެތި ބައެއް ރަށްތަކަށް މިހާރު ވެސް ފެނުގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަށް އިންޑިޔާ ވެގެންދާއިރު، އެ ޤައުމަށް ދެން އޮތް ގޮންޖެހުމަކީ ކޮންމެ އަހަރަކު އެ ޤައުމުގެ ވަޒީފާގެ ބާޒާރަށް ނިކުންނަ ޒުވާނުންނަށް ބޭނުންވާ މިންވަރަށް ވަޒީފާ އުފެއްދުމެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން ދިޔުމާއެކު، ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުން މަދުވުމުގެ ސަބަބުން ޗައިނާއަށް ވެސް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.