ޚަބަރު

ރާއްޖޭގެ 244 ސްކޫލެއްގައި މާދަމާ އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނު ފަށްޓަވަނީ


މިއަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނު މާދަމާ ފަށްޓަވާނެއެވެ.

މި އަހަރުގެ އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ އެކި ސެންޓަރުތަކުން 6600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ކެމްބްރިޖް އޯލެވެލް އާއި ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އެސްއެސްސީ އިމްތިޙާނު ފެށްޓެވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އަންނަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އިމްތިޙާނުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު މުޙައްމަދު އިޙްސާން ވިދާޅުވީ އަންގާރަ ދުވަހު އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނު ރާއްޖޭގެ 244 ސެންޓަރެއްގައި ފެށްޓެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެތެރޭގައި މުޅިން އަލަށް އައްޑޫ ސިޓީގެ ހިތަދޫ ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލްގައި އޯލެވެލް އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިޙުސާން ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި 6698 ދަރިވަރުން އަދި އެސްއެސްސީ އިމްތިޙާނުގައި 6107 ދަރިވަރުން ބައިވެރިވާ ކަމަށް އިޙުސާން ވިދާޅުވިއެވެ. އިޙުސާން ވިދާޅުވީ އިމްތިޙާނުތަކަށް ބޭނުންވާ ޕޭޕަރުތައް ސެންޓަރުތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"ތައްޔާރީތަކުގެތެރެއިން އެންމެ ބޮޑު އެއްކަމަކީ އިމްތިޙާނުތަކަށް ބޭނުންވާ ޗީފް އިންވިޖިލޭޓަރުން ތަމްރީނުކުރުން. މިހާރު ރާއްޖޭގެ ހުރިހާ ސެންޓަރުތަކަށް ބޭނުންވާ ހުރިހާ ޗީފް އިންވިޖިލޭޓަރުން ތަމްރީނުކޮށް މިހާރުވަނީ ނިމިފައި. މިފަހަރު އަޅުގަނޑުމެން އައްޑޫ ސިޓީގައި އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން މާލޭގައި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިޔައިން." އިޙުސާން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިމްތިޙާނުގެ ކަންކަން ކުރެއްވުމަށް ޑިޕާޓަމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް އެހީވެދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ވެސް ޙަރަކާތްތެރިވާ ކަމަށެވެ. އަދި އިމްތިޙާނުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް މުދައްރިސުންނާއި ބެލެނިވެރިން އެންމެ ފަހުވަގުތާ ޖެހެންދެންވެސް ގިނަ މަސައްކަތްކުރަމުންދާކަން އެޑިއުކޭޝަނުން ފާހަގަކުރައްވައެވެ.