ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ޚިދުމަތް ތ.އަތޮޅުން ދޭން ފަށައިފި


ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ ބައެއް ޚިދުމަތްތައް ތ.އަތޮޅުން ލިބޭނެގޮތް ހަމަޖައްސަވައިފިއެވެ.

މި ޚިދުމަތްތައް ފެއްޓެވުމުގެ ގޮތުން ތ.އަތޮޅު ކައުންސިލުންވަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއިއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މިކަމަށްޓަކައި ބޭއްވުނު ޙަފްލާގައި ޓްރާންސްޕޯޓް އޮޓޯރިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒްއެވެ. ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙްއެވެ.

ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އަތޮޅު ކައުންސިލުން ދެވޭނެ ޚިދުމަތްތަކުގެތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން، ކަނޑު އުޅަނދު ދުއްވުމުގެ ލައިލަންސް ދޫކުރުން، އެއްގަމު އުޅަނދުގެ ރަޖިސްޓްރީގެ ޚިދުމަތްދިނުން، ކަނޑު އުޅަނދުގެ ރަޖިސްޓްރީގެ ޚިދުމަތްދިނުން، އެއްގަމު އުޅަނދުގެ ރޯޑް ވާދިނަސް ކަންތައްތައް ބެލެހެއްޓުން، ކަނޑު އުޅަނދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން، އޮޑީ ނަމްބަރު ދޫކުރުން، ޓެކްސީ ޑްރައިވަރުންގެ ހުއްދަ ހެދުން، އެހެން ޒޯން ތަކަށް ނިސްބަތްވާ އެއްގަމު އުޅަނދު ތ.އަތޮޅުގައި ދުއްވުމުގެ ހުއްދަ ދިނުންހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ތ. އަތޮޅު ކައުންސިލުން އޭ ޒޯންގެ ލައިސަންސް ކާޑް ދޫކުރެވޭނެއެވެ. އަދި އެއްގަމު އުޅަނދުގެ ޒޯން ލައިސަންސް އަތޮޅުގެ ރަށްރަށުން ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ޚިދުމަތްތައް ދިނުމަށް ކައުންސިލްތަކާ ޙަވާލުކުރެވުނެއްކަމަކު ޤާނޫނާއި ޤަވާއިދުތައް ހިފަހައްޓަވައިގެން ކުރިއަށް ގެންދެވުމަކީ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއް ކަންތައްކަމަށެވެ. ހަމައެއާއެކު އުސޫލުތައް ހިފަހައްޓާތޯ އަބަދުވެސް އޮތޯރިޓީން ބަލަމުންދާނެކަމަށާއި އެއާ ޚިލާފަށް މަސައްކަތްކުރައްވާ ފަރާތްތަކަށް ދޫކުރައްވާ ބާރުތައް ހިފަހައްޓަވާނެކަން ހާމަކުރެއްވިއެވެ. އަދި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އިންސުއަރކުރުން މުހިއްމު ކަންފާހަގަކުރެއްވިއެވެ. 

އަތޮޅު ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހުގައިވެސް ޚިދުމަތް އަތޮޅުގައި ފެށިގެން ދިއުމަކީ އުފާވެރިކަން ގެނެސްދޭ އެކަމުގެ ސަބަބުން އަތޮޅުގެ ރަޢިއްޔަތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމުގައި ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި އަތޮޅުގެ ބައެއްރަށްރަށާއި ވޭމަންޑޫގެ މުވައްސަސާތަކުން ބައިވެރިވިއެވެ.