ޚަބަރު

"ރާއްޖޭގެ ބިމާއި ކަނޑުން، ކުޑަ މިންވަރެއްވެސް ދޫކޮށްލަން ސަރުކާރުން ޖާގައެއް ނުދޭނެ"


ރާއްޖޭގެ ބިމާއި ކަނޑުން ކުޑަ މިންވަރެއް ވެސް ދޫކޮށްލުމަކީ ރާއްޖޭގެ އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއްނޫން ކަމަށާއި، އަމުދުން މި ސަރުކާރުން އެޖާގަ ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. ބައެއް މެންބަރުން މިހެން ވިދާޅުވީ ރާއްޖެ އާއި މޮރީޝަސް އާ ދެމެދު ކަނޑުގެ ސަރަޙައްދު ފުށުއަރާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ކުރެއްވި ބަޙުސްގައެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަޙައްދު ފުށުއަރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި މެމްބަރުންގެ މެދުގައި ވަނީ ހޫނު ބަހުސެއް ކުރައްވާފައެވެ. އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެމްބަރުންގެ ވޯޓުންނެވެ.

އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލޭ ގޮތަށް ސަރުކާރުން މޮރިޝަސްއަށް ފޮނުއްވިކަމަށް ބުނާ ސިޓީ ރައްޔިތުންނަށް ހާމަކޮށް، ތަޙުޤީޤުކޮށް، ފިޔަވަޅު އެޅުއްވުމަށް ގޮވާލައްވައިފައެވެ. އެ މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތިންބައިކުޅަ އެއްބައި މެމްބަރުން ވޯޓާއެކު ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަޙައްދު މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށް އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

މި މައްސަލައާމެދު ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ބިމުންވެސް، ކަނޑުންވެސް ވެލިފުކެއްގެ މިންވަރު ދޫކޮށްލުމަކީ ރާއްޖޭގެ އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއްނޫން ކަމަށެވެ. އަދި އަމުދުން މި ސަރުކާރުން އެ ޖާގަ ނުދެއްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައިނަލްއަޤްވާމީ ކޯޓުތަކުން ނިންމާ ނިންމުމަކަށް ދިވެހި ސަރުކާރަކަށް ނުވަދެވޭނެ ކަމަށެވެ.

"ބަައިނަލްއަޤުވާމީ ކޯޓަކަށް ގޮސްގެން ދިވެހިރާއްޖޭގެ ސަރަޙައްދުން އެންމެ އަކައިންޗިއެއްވެސް ނުގެއްލޭނެ. ގެއްލުމުގެ ފުރުޞަތެއްވެސް ނެތް. ޤައުމެއްގެ ތެރޭގައި ހުށަހަޅާނަމަ އެބަހަން އޮންނަ ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތަށް ބެހޭނީ. އެއްގޮތަކަށްވެސް އެއީ ވަކި މީހަކު ބޭނުންވާ ގޮތަކަށް ނިމިގެންދާ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައާމެދު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ މެންބަރު އަޙްމަދު ޢީސާ ވިދާޅުވީ މިވީހާ ތަނަށް އެއްވެސް ސަރުކާރަކުން ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަމާ، ގުޅޭގޮތުން އެއްވެސް މަސައްކަތެއް ކުރައްވައިފައި ނުވާކަމަށެވެ.

"ކަނޑުގެ ސަރަޙައްދު ބަހާއިރުގަ ޢަމަލުކުރަންވީ ގޮތް ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ކަނޑައެޅިފައި އެބަހުރި. ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކުގައި އެކަން ކަނޑައެޅިފައި އެބައޮތް. އެހެންވީމަ އެ މުޢާހަދާތަކާ ދެކޮޅަށް މޮރިޝަސް އަކަށްވެސް ވަކާލާތެއް ނުކުރެވޭނެ. ރާއްޖެއަކަށް ވެސް ވަކާލާތެއް ނުކުރެވޭނެ. މިއޮތް ހުރިހާ ދުވަހު އެކަން ނުވެ އޮތީ ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އެއީ ކޮންފަރާތެއްގެ ތަނެއްކަން ކަނޑަނޭޅިގެން، އެކަނޑައަޅަންވެގެން ކުރި މަސައްކަތުން ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނެތޭ ރާއްޖޭގެ ތަނެއްކަމަށް ނިންމަން ނުވަތަ އެތަން ހޯދަން ބައިނަލްއަޤްވާމީ އެއްވެސް ކޯޓެއްގައި ވަކާލާތު ކޮށްފައެއް." ޢީސާ ވިދާޅުވިއެވެ.

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު މެއިމަހު ނިންމި އިރުވެސް އެ ނިންމުން ތަންފީޒުކުރަން ނުފެންނަ ކަމަށް އދ. ގައި ބުނި ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. މިހާރު ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލިޔަސް ނުލިޔަސް އެ ކަމުގައި މޮރިޝަސްއަށް ވާނެ ގެއްލުމެއް އަދި ފައިދާއެއް ވެސް ނެތްކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.