ކުޅިވަރު

ނަގެޓްސްއާ ދެކޮޅަށް ކުޅުނު ހަތަރުވަނަ މެޗު ޓިމްބަވުލްވްސްއިން ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް ވެސްޓަން ކޮންފަރެންސްގެ އަށްވަނައަށް ސީޑް ކުރެވިފައިވާ މިނެސޯޓާ ޓިމްބަވުލްވްސްއިން ހަތަރުވަނަ މެޗު ކާމިޔާބުކޮށް އެއްވަނައަށް ސީޑް ކުރެވިފައިވާ ޑެންވާ ނަގެޓްސް ދެވަނަ ބުރަށް ދިއަނުދީ މި ވަގުތަށް ހިފަހައްޓާލައިފިއެވެ.

މިނިއަޕޮލިސްގެ ޓާގެޓް ސެންޓަރގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މިމެޗް ޓިމްބަރވުލްވްސް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 96 ޕޮއިންޓުން ދެޓީމް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައު 114 ޕޮއިންޓް 108 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވުލްވްސްގެ އެންތަނީ އެޑްވަރޑްސްވަނީ 34 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 43 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ނިކޮލާ ޔޮކިޗްއެވެ. މިދެޓީމްގެ މެދުގައި މިހާރު ހަތަރު މެޗް ކުޅުނު އިރު ތިން މެޗް އެއްމެޗުން ކުރީގައި އޮތީ ނަގެޓްސްއެވެ. އަދި ފަސްވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެރޭ ޑެންވަރގެ ބޯލް އެރީނާގައި ކަމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ނަގެޓްސްއަށް ވަރަށް ބޮޑެވެ.

މީގެ އިތުރުން ވެސްޓަން ކޮންފަރެންސްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސެކްރެމެންޓޯ ކިންގްސްއާއި ހަވަނައަށް ސީޑް ކުރެވިފައިވާ ގޯލްޑަން ސްޓޭޓް ވޮރިއަރސްގެ މެދުގައި ކުޅުނު ހަތަރު ވަނަ މެޗް ކާމިޔާބުކޮށް ވޮރިއަރސްއިން ވަނީ މިސީރީޒް ދެ މެޗް ދެ މެޗުން އެއްވަރުކޮށްފައެވެ.

އީސްޓަން ކޮންފަރެންސްގައި ދެވަނަ ސީޑް ކޮށްފައިވާ ބޮސްޓަން ސެލްޓިކްސް އާއި ހަތްވަނަ ސީޑް އެޓްލާންޓާ ހޯކްސް ބައްދަލުކުރި ހަތަރު ވަނަ މެޗް 129 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކޮށް ސެލްޓިކްސްއިން ވަނީ ތިން މެޗް އެއްމެޗްގެ ލީޑެއް ނަގާފައެވެ. އަދި އީސްޓަން ކޮންފަރެންސްގައި ހަތަރު ވަނައަށް ސީޑް ކުރެވިފައިވާ ކްލީވްލަންޑް ކެވެލިއަރސް އާއި ފަސްވަނައަށް ސީޑް ކުރެވިފައިވާ ނިއުޔޯކް ނިކްސް ބައްދަލުކުރި ހަތަރު ވަނަ މެޗް 102 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކޮށް ނިކްސްވެސް ވަނީ ތިން މެޗް އެއްމެޗްގެ ލީޑެއް މިސީރީޒްގައި ނަގާފައެވެ.