ކޯޓުތަކުން ހިންގާ ޝަރީޢަތްތަކުގެ ވާހަކަތައް މަޙްޟަރުކުރުމަށް ނުވަތަ ލިޔެދޭ މީހުންގެ ދަފްތަރެއް އެކުލަވާލަން ނިންމާ އެކަމަށް ޚާއްޞަ އުޞޫލެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލައްވައިފިއެވެ.
"ކޯޓުތަކުގެ ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަތައް މަޙްޟަރުކުރާ ފަރާތްތަކުގެ ދަފުތަރާ ގުޅޭ އުޞޫލް" ގެ މަޤްޞަދަކީ ރާއްޖޭގެ ކޯޓުތަކުން ހިންގާ ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑިން އަޑުއަހައިގެން އެ ވާހަކަތައް ލިޔުމުގައި ކޯޓުތަކަށް ދިމާވާ ދަތިކަން ޙައްލުކުރައްވައި، ޝަރީއަތުގައި ދެކެވޭ ވާހަކަތައް އަވަސްކަމާއެކު ލިޔެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ.
މި އުޞޫލްގައި ވާގޮތުން ދަފްތަރުގައި ރަޖިސްޓަރވެވޭނީ ޢުމުރުން 18 އަހަރު ވެފައިވާ މީހުންނަށެވެ. އަދި އެމީހަކީ ޖިނާޢީ ބޮޑު ކުށެއްކަމަށް ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި ބާޔާންކޮށްފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
މީގެ އިތުރުން އެމީހަކީ ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި މަސައްކަތްކުރާ މީހެއް ކަމުގައި ވާނަމަ އެ މީހެއްގެ ވަޒީފާގެ އިތުރުން އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރުން، ވަޒީފާ އަދާކުރާ ތަނުން މަނާކޮށްފައިވާ މީހަކު ކަމުގައި ވެގެންވެސް ނުވާނެއެވެ.
މި ދަފްތަރުގައި ރަޖިސްޓަރވާން ބޭނުންވާ މީހުން އެކަމަށް ޚާއްޞަ ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައަޅަންޖެހެއެވެ. އަދި ފޯމާއެކު ކުށުގެ ރެކޯޑްވެސް ހުށައަޅަންޖެހެއެވެ.
މި އުޞޫލްގައި ވާގޮތުން ޝަރީޢަތުގެ ރިކޯޑިން މަޙްޟަރުކުރަން ބޭނުންވާކަން އެ ފަރާތްތަކަށް އެންގުމާއި ބޭނުންވާ އިންތިިޒާމްތައް އެ ކޯޓަކުން އެމީހަކަށް ފޯރުކޮށްދެއްވަން ޖެހެއެވެ. އަދި ކޯޓަށް ޙާޟިރުކުރާ ދުވަސްތަކުގެ ޙާޟިރީ ކޯޓުތަކުން ބަލަހައްޓަވަންޖެހެއެވެ. ދަފްތަރުގައި ހިމެނޭ ފަރާތްތައް މެދުވެރިކޮށް މަޙްޟަރުކުރާ ރިކޯޑިންއަކީ 20 މިނެޓަށްވުރެ ކުރު ނޫން ރިކޯޑިންއެއް ކަމުގައި ވާންޖެހޭނެކަމަށް އެ އުޞޫލްގައިވެއެވެ.
މީގެ އިތުރަށް މަޙްޟަރު ކުރުމަށް ކުރިން ހަވާލުކުރައްވާފައިވާ ފަރާތަކާއި އިތުރު ރިކޯޑިންއެއް މަޙްޟަރުކުރަން ހަވާކުރައްވާނަމަ އެ މީހަކާ ކުރިން ހަވާލުކުރެއްވި ރިކޯޑިންއިން ނުނިމި ހުރި ގަޑީގެ އަދަދަށް ރިއާޔަތްކުރައްވާ ފަހުން ހަވާލުކުރެވޭ ރިކޯޑިން ނިންމުމަށް އެކަށީގެންވާ ވަގުތު ދެއްވަން ޖެހެއެވެ.
މި އުސޫލްގެ ދަށުން ދަފުތަރު ކުރެވޭ ފަރާތްތަކަށް އުޖޫރައެއްގެ ގޮތުގައި ލިޔެފައިވާ ކޮންމެ ސަފުހާއަކަށް 45 ރުފިޔާގެ ރޭޓުން އުޖޫރަ ލިބޭނެއެވެ. މި އުޖޫރު ދެއްވާނީ ޚިދުމަތް ލިބިގަންނަ ކޯޓަކުން އެކަމަށް ޚާއްސަ ފޯމު ކޯޓުގެ ފައިސާއާ ބެހޭ ސެކްޝަނަށް ފޮނުއްވައިގެން އެސެކްޝަނުންނެވެ.
ދަފްތަރުގައި ރަޖިސްޓަރީވާ މީހާ ވެފައިވާ އިޤްރާރާއި ޒިންމާތަކާ ޚިލާފުވެއްޖެނަމަ ދަފްތަރުން ވަކިކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ބަޔާންތަކުގެ ފެންވަރު ދަށްވެ ކޯޓުތަކުން ޑީޖޭއޭއަށް ހުށައަޅުއްވައިފނަމަ އެކަން ބެއްލެވުމަށްފަހު ދަފްތަރުން ވަކި ކުރެވޭނެއެވެ.
"ކޯޓުތަކުގެ ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަތައް މަޙްޟަރުކުރާ ފަރާތްތަކުގެ ދަފުތަރު" ބަލަހައްޓަވާނީ ޑީޖޭއޭއިންނެވެ.