ޚަބަރު

ޓްރާންސްޕޯޓުން ގެނައި އިސްލާހުގެ ސަބަބުން ބާރަށް ވެހިކަލް ދުއްވާ މީހުންނަށް އެޅޭނެ ފިޔަވަޅެއް ނެތް!


ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރު ދުވެލީގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ވެހިކަލް ހިފެހެއްޓޭގޮތަށް އޮތް ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އިސްލާހު ކުރެއްވިގޮތުން ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށް މާބޮޑު ފިޔަވަޅެއް މިހާރު ނޭޅޭކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ވިދާޅުވެއްޖެއެވެ.

ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް ހުއްޓުވުމުގައި ޤާނޫނާއި ގަވާއިދުތަކުގައި ހުރި މައްސަލަތަކުގެ އިތުރުން ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ނެތުމުގެ ކަންބޮޑުވުންތައްވެސް ފުލުހުން ފާހަގަކުރައްވައެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ޤަވާއިދު"ގައި ކުރިން އޮތްގޮތުން ކަނޑައާޅަފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވައިފިނަމަ ފުރަތަމަ ދެ ފަހަރު ޖޫރިމަނާކުރާނެއެވެ. އަދި 3 ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ އެ މީހަކު ދުއްވި އުޅަނދެއް 15 ދުވަހަށް ވެހިކަލް ހިފެހެއްޓުމުގެ ބާރު ފުލުހުންނށް އޮވެއެވެ. އަދި އެއުޅަނދަކާއި ގުޅޭ އެއްވެސް ޖޫރިމަނާ ފައިސާއެއް ދައްކަންޖެހޭނަމަ ކަނޑައެޅި އެއްބަސްވެވޭގޮތެއްގެ މަތިން އެޖޫރިމަނާގެ ފައިސާވެސް ދައްކަން އެއްބަސްވުމެއް އެކުލަވާނުލަނީސް ވެހިކަލް ދޫކޮށެއް ނުލައެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިއަހަރުގެ ޖެނުއަރީމަހު މި ޤަވާއިދަށް އިސްލާޙުތަކެއް ގެނެސްފައެވެ. ގަވާއިދަށް ގެނެވުނު އިސްލާޙުގެ ސަބަބުން މިފަދަ އެއްބަސްވުމެއް އެކުލަވާނުލާވެސް 48 ގަޑިއިރު ތެރޭގައި ވެހިކަލް ދޫކޮށްލުމަށް ފުރުޞަތު ލިބެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ރެސްޕޮންސް އެންޑް ޕެޓްރޯލް - އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލް، ވިދާޅުވީ މިދިޔަ 4 އަހަރު މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ކަނޑައަޅާފައިވާ ދުވެއްޔަށް ވުރެ ބާރު ދުވެއްޔެއްގައި ދުއްވުންކަމަށެވެ.

އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޤަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނާމެދު އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތްކަމަށް ޙަލީލް ވިދާޅުވިއެވެ. މީގެއިތުރުން ލައިސަންސް ނެތި ދުއްވާ މީހުންގެ އުޅަނދުތައްވެސް ދޫކޮށްލަން ފަހިވާގޮތަށް ޤަވާއިދަށް އިސްލާހު ގެނެސްފައިވާކަންވެސް ފުލުހުން ފާހަގަކުރައްވައެވެ.

"މިހާރު ބައެއް ގަވާއިދުތަކަށް، ޓްރާންސްޕޯޓް މިނިސްޓްރީއިން ހަދާފައިވާ ބައެއް ގަވާއިދުތަކަށް ގެނެސްފައި ހުރި ބަދަލުތަކުގެ ސަބަބުން ބާރަށް ދުއްވާ ވެހިކަލްތަކަށް ފިޔަވަޅު އެޅުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ދިމާވޭ. މީގެކުރިން ވެއްޖިއްޔާ ލައިސެންސް ނެތި ސައިކަލެއް ނުވަތަ ވެހިކަލެއް ދުއްވާ ފަރާތެއްނަމަ 15 ދުވަހަށް އެވެހިކަލެއް ޓޯވކުރަން. މިހަރުގެ އުސޫލުގެ ތެރެއިން ދެދުވަސްތެރޭވެސް އެފަދަ ވެހިކަލްތައް އެބަ ދޫކޮށްލަންޖެހޭ. މިހެން ވުމުގެ ސަބަބުން އެއްފަރާތްތަކެއް ތަކުރާރުކޮށް ބާރަށް ދުއްވާކަން އަޅުގަނޑުމެނަށް ފާހަގަ އެބަކުރެވޭ." އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ނުވަތަ ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ސަބަބުން މަގު ބޭނުންކުރާ ހުރިހާ މީހުން ނުރައްކަލެއް ހުށަހެޅެއެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގައި ކުށެއް ނެތް އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބި ނުކުޅޭދޭ ހާލަތަށް ގޮސްފައިވާއިރު، ބައެއް މީހުން ވަނީ އެމީހާގެ ކުށެއްގެ ނެތި ހިނގާ މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން މަރުވެސްވެފައެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެހެން އިދާރާތަކާއި މުއައްސަސާތަކުންވެސް ފުލުހުންގެ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. އެހެންނޫންނަމަ މާލެއާއި އެހެން ބައެއް ބޮޑެތި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓައި، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން އެކުރައްވާ މަސައްކަތުގެ ނަތީޖާއެއް ނުފެންނާނެއެވެ. އަދި ޓްރެފިކް މެނޭޖްކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ނަތީޖާ ނެރެވޭނީ ހުރިހާ މުއައްސަސާއެއް ގުޅިގެން ކުރެވޭ ވަށާޖެހޭ މަސައްކަތުންކަން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ބައިނަލްއަޤްވާމީ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.