ޚަބަރު

ދިވެހި ޢުމްރާވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި


މިދިޔަ ރޯދަމަހު ފަހުދިހަ ހިމެނޭގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން އުމްރާއަށް ދިޔަ މީހުން އަންނަން ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަން ހިމެނޭހެން 14 ވަރަކަށް ގްރޫޕޫން، 2000 އަށްވުރެ ގިނަ މީހުން ނިމުނު ރޯދަމަހު ރާއްޖެއިން އުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ.

އުމްރާއަށް ދިޔަ މީހުންގެ ތެރެއިން 100 މީހަކު އިއްޔެ ވަނީ އައިސްފައެވެ. އޭގެތެރޭގައި ރަމަޟާންމަހުގެ ކުރީކޮޅާއި ރަމަޟާންމަހުގެ ފަހު ދިހައެއްގައި އުމްރާއަށް ދިޔަ މީހުން ހިމެނެއެވެ. އުމްރާއަށް ގޮސްތިބި މީހުން ކުރިއަށް އޮތް 10 ވަރަކަށް ދުވަހު ރާއްޖެ އަންނަމުންދާނެއެވެ.

ޙައްޖާއި ޢުމްރާއަށްދާ މީހުން އަނބުރާ އަންނައިރު ރޯގާގެ ޢަލާމަތްތައް ފެންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ރޯގާގެ އެއްވެސް ޢަލާމާތެއް ހުރެއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބަލީގެ ޙާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކެވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެެވެ.

ކޯވިޑާ ގުޅިގެން 2021 ވަނަ އަހަރުން ފެށިގެން ޙައްޖާއި އުމްރާއަށްދާ މީހުންގެ އަދަދު ކޮންޓްރޯލްކޮށްފައި އޮތްނަމަވެސް، މިއަހަރުގެ ރަމަޟާންމަހު އެއްވެސް ވަރެއްގެ ހިފެހެއްޓުމެއް ނެތި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދީފައިވެއެވެ.

މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ޢުމްރާގެ އަޅުކަން އަދާކުރުމަށް ވަނީ ގޮސްފައެވެ.