ކުޅިވަރު

އޭދަފުށީ ކައުންސިލުގެ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި


ބ. އޭދަފުށި ކައުންސިލުން އެޅި ފުޓްސަލް ދަނޑު ހުޅުވައި، އެ ކައުންސިލްގެ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕް 2023 ގެ ނަމުގައި ކުރިއަށްދާ މިމުބާރާތުގައި އެ ރަށުގެ 12 ޓީމެއް ވާދަކުރެއެވެ.

ހަތަރު ގްރޫޕްއަކަށް ބަހާލައިގެން ކުލަބު އޭދަފުށިން އިންތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތް ހުޅުވުމުގެ ގޮތުން ހުކުރު ދުވަހުގެރޭ ކުޅުނު މެޗްގައި ބައްދަލުކުރީ ޔުނައިޓެޑް ވީ އާއި މުރިނގު އެފްސީއެވެ. މި މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުރިނގު އެފްސީއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި މުރިނގުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޝަރީފް (ލުއްޑަ) އާއި ސާހީ މޫސާ (ހިތޭ) އެވެ. އަދި ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ ޝާރިފް އަބްދުލް މަޖީދެވެ.

މި މުބާރާތުގެ ހުކުރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗްގައި ވާދަކުރީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނޭ އެފްރޯ ސްޕޯޓްސް ކްލަބާއި ވެލާ ސްޕޯޓްސް ކްލަބެވެ. މޮޅު ކުޅުމެއް ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗް އެފްރޯއިން ކާމިޔާބުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ ކުރީކޮޅުގައި އެ ޓީމްގެ މުހައްމަދު ފާސިރު ޖެހި ލަނޑާއެކު، ވެލާއިން އެ ޓީމުގެ ހަމަލާތައް އިތުރުކޮށް ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ވެލާއިން އުފެއްދި ހުރިހާ ހަމަލާއެއްގެ ހުރަހަކަށްވީ އެފްރޯގެ ގޯލްކީޕަރު އަބްދުﷲ ނާސިހާއި މި މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި އައްޒާމް އަލީއެވެ.

މި މުބާރާތުގެ ތިންވަނަ މެޗްގައި ބައްދަލުކުރީ ސީސީ ދަ ރެޑްސް އާއި އެއިޓީފޯ އެފްސީއެވެ. ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ސީސީ ދަ ރެޑްސްއެވެ. އަދި ފަހު މެޗްގައި ވާދަކުރީ އެފްސީ ސަޑަންލީ އާއި ކައްކަނި އެފްސީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ކައްކަނި އަތުން ސަޑަންލީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ ހުޒެއިފަތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި އޭނާ ވަނީ ދެ ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އަނެއް ލަނޑު ޖެހީ އަލީ ޒުބައިރެވެ. އަދި މެޗުގައި ކައްކަނި ޓީމްގެ ދެ ލަނޑުވެސް ޖަހައިދިނީ އަބްދުﷲ ޝަހީމެވެ.

މި މުބާރާތުގައި ހޮނިހުރު ދުވަހުގެރޭވެސް ހަތަރު މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނަލަ ބްރަދާސް އާއި ޔުނައިޓެޑްވީއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އޯލް ވޯލްސް އާއި އެފްރޯ ސްޕޯޓްސް ކްލަބެވެ. ތިންވަނަމެވްގައި ބައްދލުކުރާނީ ސްވައިޕް ވަޔަރ އާއި ސީސީ ދަ ރެޑްސްއެވެ. ފަހު މެޗްގައި ބައްދަލުކުރާނީ ސީސީ ސްޕޯޓްސް ކްލަބާ ރޭ ފަހުމެޗުން ބަލިވި ކައްކަނީ އެފްސީއެވެ.