ޚަބަރު

މަސްތުވާތަކެއްޗަށް ފަރުވާދޭ ތަންތަނުގެ އަދަދު ޖޫން 26 ގެ ކުރިން އިތުރުވާނެ: ޝަމާއު


މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާދޭނެ ތަންތަން މިއަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުގެ ކުރިން އިތުރުވާނެ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރެއްވުމަށް ނޭޝަނަލް ޑްރަގް އޭޖެންސީއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވައިފައެވެ. އެގޮތުން އިދާރީގޮތުންނާއި ހިންގުމަށާއި ޚިދުމަތް ދެމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިިފައިވާކަން އެން.ޑީ.އޭއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެން.ޑީ.އޭގެ ބޯޑުގެ ޗެއަރމަން އަދި ހެލްތު މިނިސްޓަރުގެ ނާއިބު ޝަމާޢު ޝަރީފް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދެއްވަނީ އެކި މަރުޙަލާތަކަކަށް ބައްސަވާލައްވައިގެންކަމަށެވެ. އެގޮތުން ރެޒިޑެންޝަލް ޕްރޮގްރާމްގެ ދަށުން އެކި ކަންކަމަށް މީހުން ތަމްރީންކުރެއްވުމާއި މަސްތުވާތަކެތި ބޭނުންކުރުމުން އަޅާ ވޭނަށް ފަރުވާ ދިނުމުގެ އިތުރަށް މުޖުތަމަޢުގެ ތެރޭގައި ބަހައްޓައިގެން ދޭ ފަރުވާ ހިމެނެއެވެ. އަދި މިފަރުވާގެ ތެރެއަށް ރީއިންޓަގްރޭޝަން ތަޢާރަފުކުރެއްވުމަށް މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި އޮތްނަމަވެސް ފަރުވާދިނުމުގެ ކަންކަން ފުރިހަމަވެފައި ނެތްކަމަށެވެ. އެހެންނަަވެސް އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގައި ފަރުވާދިނުމުގެ ތަންތަން އިތުރުކުރެވޭނެކަމަށް ޝަމާޢު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ޞިއްޙީ ޚިދުމަތްދޭ އެކި ތަންތަނުގައި ފަރުވާދެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަތޮޅުތެރެއިން އައްޑޫގައި ފަށްޓަވާ ރެޒިޑެންޝަލް ޕްރޮގްރާމްގައި އެކި ދާއިރާތަކަށް މީހުން ތަމްރީންކުރެއްވުމުގެ މަސައްކަތްވެސް ފެށޭނެކަމަށް ޝަމާއު ވިދާޅުވިއެވެ.

" ކުރިއަށް އޮތްތަނުގައި އެންޑީއޭގެ ތަނެއް ހެދެންދެން މަޑެއް ނުކުރާނެ. ފަރުވާ ދިނުމަށްޓަކައި ކޮންމެވެސް ގޮތަކުން މަސައްކަތް ފެށޭނެ. މިއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އާބާދީ ބޮޑެތި ތަންތަނުގައި ބޭނުންވާ ރެޒިޑެންޝަލް ފަރުވާ ދޭނެ ތަންތަނެއް މިއަދަކު ނެތް." އެން.ޑީ.އޭގެ ބޯޑުގެ ޗެއަމަން އަދި ހެލްތު މިނިސްޓަރުގެ ނާއިބު ޝަމާއު ޝަރީފް ވިދާޅުވިއެވެ.

މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާދެއްވުމުގެ މަސައްކަތުގެ ތެރެއިން ކުޑަކުދިންނާއި އަންހެނުންނަށް ފަރުވާދެއްވުމަށް ޚާއްޞަކުރައްވައިން ހުޅުމާލޭގައި ވެލްނެސް ސެންޓަރެއް ހެއްދެވުމަށްވެސް ވަނީ ނިންމަވައިފައެވެ. ޝަމާޢު ވިދާޅުވީ މިސެންޓަރުގެ މަސައްކަތް ނިމުމުން އެ ތަނުން ގިނަ ޚިދުމަތްތަކެއް ދެވޭނެކަމަށެވެ. މި ތަން ތަރައްޤީކުރެއްވުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން މަސައްކަތްތައް ފެށޭނެކަމަށް ވެސް ޝަމާޢު ވިދާޅުވިއެވެ.

" ބޭސްދީގެން ދޭ ފަރުވާ އާއި، ޕިއަރ ސަޕޯޓާއި އެކިއެކި ތެރަޕީތައް ދިނުމާއި އާފްޓަރ ކެއަރގެ ޚިދުމަތްތައް ލިބޭނެ." ޝަމާޢު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ރާއްޖޭގައި ގާތްގަނޑަކަށް 30 އަހަރުވަންދެން ޚިދުމަތް ދެމުން އައީ 200 އެއްހާ ޑޯޒްގެ ބޭހުގައެވެ. އެހެންނަމަވެސް ރާއްޖޭގައި މި މައްސަލަ އޮތް ނިސްބަތުން ބޭސް އިތުރުކުރަންޖެހޭކަން ޤަބޫލުކުރައްވައި މިވޭތުވެދިޔަ 4 އަހަރު ކުރެވުނު މަސައްކަތުން ރާއްޖެއަށް ޚާއްޞަކުރައްވައިގެން އުފައްދާ ބޭހުގެ ނިސްބަތް 2000 ޑޯޒަށް އިތުރުކުރެވިފައިވާކަން އެންޑީއޭއިން ފާހަގުރައްވައެވެ.

މަސްތުވާތަކެއްޗަށް އެން.ޑީ.އޭގެ 11 މަރުކަޒެއްގައި ފަރުވާ ގެންދަވަނީ ފަރުވާދެއްވަމުންނެވެ. މައި މަރުކަޒުގެ ގޮތުގައި ހިންމަފުށީގައި ޚިދުމަތްދެއްވާ މަރުކަޒަކީ 172 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމުކުރައްވައިފައިވާ މަރުކަޒުގައި 60 މީހުންނަށް ފަރުވާދެވޭނެއެވެ.