ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ، ކޮންމެ ފަޤީރަކަށް 3450 ރުފިޔާ


1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 9,003,324.05 ރުފިޔާ ލިބިފައިވާކަމަށެވެ. މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175،485 މީހުންނެވެ.

ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 މީހުންގެ ތެރެއިން، މާލެ ސިޓީން 1736 މީހުންނަށް، ބޮލަކަށް 3450 ރުފިޔާގެ ރޭޓުން މިމަހުގެ 20 ވަނަ ދުވަހު އެ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު، މިމަހުގެ 20 ގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ކިލޯއެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރިލް 2023ގެ ނިޔަލަށް ބަހާ ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.