ޚަބަރު

ސިފައިންގެ އަހަރީދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވަވައިފި


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 131 ވަނަ ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވަވައިފިއެވެ.

މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު ވަނީ ސިފައިންގެ 131 ވަނައަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރު، "ސިފައިންގެ ބަދަހިކަން - ޤައުމުގެ ހަމަޖެހުން" އިޢުލާން ކޮށްދެއްވާފައެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެއްވާ އަންނަ "އައްޑަނަ މަޖައްލާ" ގެ 33 ވަނަ ޢަދަދު ވެސް ވަނީ ދިފާޢީ ވަޒީރު ނެރެއްދެއްވިއެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކްތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު ބޭއްވެވިއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފަށައިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 21 ވަނަ ދުވަހެވެ.