ޚަބަރު

ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވަން ކިމް ޢަމުރުކުރައްވައިފި


އުތުރު ކޮރެޔާއިން ޖާސޫސީ ސެޓެލައިޓެއް އުފެއްދުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ ސެޓެލައިޓް ޖައްވަށް ފޮނުވުމަށް އެ ޤައުމުގެ ޒައީމް ކިމް ޖޮންގް އުން އަމުރު ކުރައްވައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އުތުރު ކޮރެޔާގެ ދަޢުލަތުގެ މީޑިޔާ ކޭ.ސީ.އެން.އޭއިންނެވެ.

ކޭ.ސީ.އެން.އޭއިން ބުނީ ޖާސޫސީ ސެޓެލައިޓު އުފެއްދުމުގެ މަސައްކަތް އުތުރު ކޮރެޔާއިން މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި ނިންމާފައިވާ ކަމުގައެވެ. އަދި، އެ ސެޓެލައިޓްގެ ކަންކަން ކިމް ބައްލަވައިލައްވާފައިވާ ކަމަށާއި، ޖައްވަށް އެ ސެޓެލައިޓް ފޮނުވުމަށް އޭނާ އަމުރު ކުރައްވާފައިވާ ކަމުގައެވެ. އެއީ ޖާސޫސް ކުރުމުގެ ގާބިލުކަން ލިބިފައިވާ އަސްކަރީ ސެޓެލައިޓެއް ކަމުގައި ވެސް ކޭ.ސީ.އެން.އޭއިން ބުންޏެވެ.

އުތުރު ކޮރެޔާގެ ނޭޝަނަލް އޭރޯސްޕޭސް ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނަށް ކިމް ކުރެއްވި ދަތުރުފުޅުގައި އެ ތަނުން އުފައްދާފައިވާ ޖާސޫސީ ސެޓެލައިޓް ބައްލަވައިލެއްވިއެވެ. އަދި، ޖައްވުގައި އެ ޤައުމުގެ ޖާސޫސީ ސެޓެލައިޓްތަކުގެ ބޮޑު ވިއުގައެއް ގާއިމު ކުރުމަށް އެ އިދާރާއަށް އަމުރު ކުރެއްވިއެވެ. އެ މަރުޒަކަށް ކުރެއްވި ދަތުރުފުޅުގައި ކިމްއާ އެކު އޭނާގެ އަންހެން ދަރިކަނބަލުން ވެސް ވަޑައިގެންނެވިއެވެ.

އުތުރު ކޮރެޔާއިން ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވައިލުމުގެ ވާހަކަތައް ދައްކަމުން މި ދަނީ، ހަކަތައިގެ ގޮތުގައި ސޮލިޑް-ސްޓޭޓް ފިޔުލް ބޭނުންކޮށްގެން ދަތުރުކުރާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިލް މިސައިލް (އައި.ސީ.ބީ.އެމް) އެ ޤައުމުން ޓެސްޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ މިސައިލަކީ އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ނިއުކްލިޔަރ ހަމަލާއެއް ދިނުމަށް ބޭނުން ކުރެވޭ ފަދަ ގާބިލް މިސައިލެކެވެ. އެ ޤައުމުން އައި.ސީ.ބީ.އެމެއް ޓެސްޓުކޮށް، މި ފަދަ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަނީ އ.ދގެ ޤަރާރުތަކާ ޚިލާފަށެވެ.

ޖާސޫސީ ސެޓެލައިޓެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަން އުތުރު ކޮރެޔާއިން ފުރަތަމަ ފަހަރަށް އިޢުލާނުކޮށްފައި ވަނީ 2021 ވަނަ އަހަރެވެ. އަދި، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ޤައުމުން ވަނީ ޖާސޫސީ ސެޓެލައިޓެއްގެ އުފައްދައި، އޭގެ އެންމެ ފަހުގެ ޓެސްޓުތައް ހަދަމުންދާ ކަން އިޢުލާނުކޮށްފައެވެ. އަދި، މި އަހަރުގެ އޭޕްރިލް މަހު އެ މަސައްކަތް ނިމި، އެ ސެޓެލައިޓް ޖައްވަށް ފޮނުވައިލުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ކިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އުތުރު ކޮރެޔާއިން އުފައްދާފައި ވަނީ ކޮން ފެންވަރެއްގެ ޖާސޫސީ ސެޓެލައިޓެއް ކަން އަދި ސާފެއް ނޫނެވެ. ސެޓެލައިޓެއް ބޭނުންކޮށްގެން އުތުރު ކޮރެޔާއިން މީގެ ކުރިން ނަގާފައި ވަނީ ވަރަށް ދަށް ފެންވަރުގެ ފޮޓޯތަކެއް ކަމުގައި ދެކުނު ކޮރެޔާއިން ވަނީ ބުނެފައެވެ. އުތުރު ކޮރެޔާގެ އައު ޖާސޫސީ ސެޓެލައިޓް ޖައްވަށް އުދުއްސައިލާނެ ވަކި ތާރީޚެއް އެ ޤައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.