ޚަބަރު

ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ 3 ކުންފުންޏަކަށް


މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ 3 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދެއްވައިފިއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެއްވި 3 ކުންފުންޏަކީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަދެއްވި ކުންފުނިތަކުގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދޫކުރައްވައިފައިވަނީ 90 ކޯޓާއެވެ. މިޢަދަދަށް ކޯޓާ ގްރޫޕްތަކަށް ހަމަޖެއްސެވީ ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތުން ކޮންމެ ގްރޫޕަކަށްވެސް ދެ ބަހެއްގައި މީހުން ގެންދިޔުމުގަ އާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި ލުއި ފަސޭހަވާނެ ގޮތަށް ބައްލަވައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިތުރަށް ކޯޓާ ލިބުމުންވެސް ކުންފުނިތަކަށް ކޯޓާ ބައްސަވާނީ މިއުޞޫލުން ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ޙުއްދަ ދޫކުރެއްވީ 1 އަހަރުދުވަހުގެ މުއްދަތަށް ކަމަށެވެ. ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދެއްވައިފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދެއްވައިފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޙައްޖަށް މީހުން ގެންދަން ހުއްދަ ދޫކުރައްވައިފައިވާ ކުންފުނިތަކާއި އަގުތައް:

* އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް -75465 ރުފިޔާ
* ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް - 75250 ރުފިޔާ
* އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް-75000 ރުފިޔާ

ޙައްޖަށް މީހުން ގެންދަން ހުއްދަދެއްވި ތިން ކުންފުނީގެ އިތުރުން ޙައްޖު ކޯޕަރޭޝަނުން ވެސް މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދާނެއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ޙައްޖު ކޯޕަރޭޝަނަށް 600 ކޯޓާ ދޫކުރައްވައިފައެވެ. ބާކީ ކޯޓާތަކަކީ އިސްލާމިކް މިނިސްޓްރީން ރިޒާވްކުރައްވައިފައިވާ ކޯޓާތަކެކެވެ.

ރާއްޖެއިން މިީހުން ޙައްޖަށް ގެންދަން ކޮންމެ އަހަރަކުވެސް ރަސްމީ ކޯޓާގެ ގޮތުގައި ސަޢޫދީ ސަރުކާރުން 1000 ކޯޓާ ދެއެވެ. ސަޢޫދީ ސަރުކާރުން ދޭ ރަސްމީ ޙައްޖު ކޯޓާ، 2500 އަށް އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރު އިތުރު ކޯޓާ ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ލިބުނުއިރު އެއަހަރު ލިބިފައިވަނީ 453 ކޯޓާއެވެ. އެއަހަރު ޙައްޖަށް މީހުން ގެންދިޔައީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ.