ޚަބަރު

މި އަހަރުގެ ސިފައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރައްވަނީ


މިއަހަރުގެ ސިފައިންގެ ދުވަސްވެސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިއަހަރު ފާހަގަކުރައްވާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށޭނީ އަންނަ ހުކުރު ދުވަހު ހެނދުނު 0600 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންކަމަށެވެ. އަދި ހުކުރު ދުވަހުގެ ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެއެވެ.

މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އޭޕްރީލް ހުކުރު ދުވަހުގެ ރޭ 2000 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޢާންމުންނަށް ހުޅުއްވައިލައްވައިގެން ބާއްވަވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަވާ އެރުވުމުގެ ހަރަކާތް ފެށޭނީ އެރޭގެ 2020 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި އަދި ޢާންމުންނަށް ވެސް ބައިވެރިވޭގޮތަށް ތަފާތު ޙަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގެވުމަށްވެސް ރާއްވަވަފައިވާ ކަމަށް އެމްއެންޑިއެފުން ހާމަކުރައްވައެވެ.