ޚަބަރު

މިއަހަރުގެ ފަހު އިޙްޔާ ފޯރަމް މިރޭ އޮންނާނެ


1444 ވަނަ އަހަރުގެ ރަމަޟާންމަހު ބާއްވާ އެންމެ ފަހު އިޙްޔާ ފޯރަމް މިރޭ މާލޭގައި އޮންނާނެއެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ބާއްވާ މި ފޯރަމްގައި “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫޢަށް ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ.

ރޭގަނޑު 21:30 ގައި ފަށާ މި ފޯރަމްގައިވެސް ކޮންމެ އިޙްޔާ ފޯރަމެއްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެރެއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމު ދެވޭނެއެވެ.

މީގެ އިތުރުން ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގެ އިނާމު ދިނުމާއި، މާލޭގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނެއެވެ. މި ގުރުއަތުގައި ދަރިވަރުންގެ އިޙްޔާ ފޯރަމްގައި ބައިވެރިވި ފަރާތްތައްވެސް ހިމެނޭނެއެވެ.

މި ފޯރަމްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1 ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3 ވަނައަށް ސޯފާސެޓެކެވެ.

މި އަހަރު ޖުމްލަ 16 އިޙްޔާ ފޯރަމް ބާއްވާފައިވާއިރު އޭގެ ތެރޭގައި މާލެސިޓީއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނެއެވެ. އަދި ދަރިވަރުންނަށް ޚާއްސަކޮށްގެން ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ވަނީ ބާއްވާފައެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީ.އެޗް.އެސް.އީއެވެ.