ކުޅިވަރު

ސިޓީ ނުކުންނާނީ ބަޔާންގެ ތާރީޚާ ދެކޮޅަކަށް ނޫން: ޕެޕް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގަށް މެންޗެސްޓާ ސިޓީ ނުކުންނާނީ ބަޔާން މިއުނިކުގެ 11 ކުޅުންތެރިންނާ ދެކޮޅަށް ކަމަށާއި، އެ ކުލަބުގެ ތާރީޚާ ދެކޮޅަށް ނޫން ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕެޕް މިކަން ހާމަކޮށްފައިވަނީ ބުދަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެެވެ. މިދެޓީމްގެ މެދުގައި ކުޅެވޭ ދެވަނަ ލެގް ބަޔޭންގެ އެލިއާންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާއިރު މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގް ސިޓީއިން ވަނީ އަމިއްލަ ދަނޑުގައި 3 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.

ޕެޕް ހާމަކުރިގޮތުގައި ހަ ފަހަރަށް މިމުބާރާތް ކާމިޔާބުކޮށްފައިވާ ބަޔޭން އަކީ އަބަދުވެސް ނުރައްކާތެރި ޓީމެއް ކަމަށާއި މިރޭވެސް އޭނާގެ ޓީމަށް ބަޔޭންގެ ނުރައްކާތަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ސިޓީއިން ނިކުންނަނީ ބަޔޭންގެ ކާމިޔާބު ތާރީހާއި ދެކޮޅަށް ނޫން ކަމަށެވެ.

ސިޓީއިން އަދިވެސް ދަނީ ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެޓީމަށް މިކަން ހާސިލް ކުރުމަށް އެންމެ ގާތަށް ދެވިފައިވަނީ 2021 ވަނަ އަހަރުއެވެ. އެފަހަރު ފައިނަލްގައި ކުޅެ ސިޓީ ވަނީ ޗެލްސީއަތުން ބަލިވެފައެވެ. އަދި މިސިޔަ ސީޒަންގައި ސިޓީ ފައިނަލަށް ނުގޮސް ކެޓީ ސެމީފައިނަލްގައި ރެއާލް މެޑްރިޑު އަތުން އެންމެ ފަހު ވަގުތު ބަލިވުމުންނެވެ.

ޕެޕް ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިން މިރޭގެ މެޗަށް ނިކުންނާނީ މެޗް ކާމިޔާބު ކުރުމުގެ އަޒުމާއެކުއެވެ. އަދި ސިޓީއަށް ޑިފެންސް ކުރުމަށް އިސްކަން ދިނުމަށްވުރެ މަސައްކަތްކުރާނީ އެޓީމްގެ އަމިއްލަ ކުޅުން މިމެޗްގައިވެސް ކުޅެވޭތޯ ކަމަށް ޕެޕް ހާމަކުރިއެވެ.

ބަޔޭންގެ ކޯޗް ތޯމަސް ޓުކެލް ހާމަކުރުގޮތުގައި މިރޭގެ މެޗްގައި ސިޓީގެ މައްޗަށް ކާމިޔާބު ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށާއި އަދި ސެމީފައިނަލުން ޖާގަހޯދިއްޖެ ނަމަ މިއީ އަޖާބަކަށް ވެގެންދާނެކަމަށެވެ. އަދި މިކަން ހާސިލް ކުރުމަށް އޭނާގެ ކުޅުންތެރިން ކުރާ މަސައްކަތުގައި އެކުޅުންތެރިން އެކަނި ނުވާނެކަމަށާއި އެކުޅުންތެރިންގެ ފަހަތުގައި ކްލަބްގެ ސަޕޯޓަރުން ތިބޭނެކަމަށްވެސް ޓުކެލް ހާމަކުރިއެވެ.

މިމެޗަށް ނިކުންނައިރު ބަޔޭންއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެކްލަބްގެ މިސީޒަންގެ ޓޮޕް ސްކޯރާ އެރިކް ޗޯޕޯ މޯޓިންގ އަނިޔާއިން އެނބުރި އައިސް ޓީމާއި ގުޅިފައިވުމެވެ.