ޚަބަރު

ރައީސް އޮފީހުގެ އޮޑިޓް: ބަޖެޓުގެ މަޤްޞަދު ޙާސިލުވޭ، ޤާނޫނާ ޚިލާފުކަމެއް ނެތް


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަޤްޞަދު ޙާސިލުވާގޮތަށް އަދި މާލިއްޔަތު ޤާނޫނާ ޤަވާއިދާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ. އޮޑިޓަރ ޖެނެރަލް މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2021 ވަނަ އަހަރުގެ މާލީ އަހަރުގެ ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" އަދި "ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނަކީ މައިގަނޑުގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2021 އަށް ނިމުނު މާލީ އަހަރު އެ އޮފީހަށް ލިބުނު ފައިސާއާއި، އެ ފައިސާއިން ކުރެވުނު ޚަރަދާއި، މާލީ އަހަރުގެ ބާލީ ހުރި ފައިސާ އަދި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތް ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ މާލީ ބަޔާންތަކެއްކަމަށެވެ.

މައިގަނޑުގޮތެއްގައި އެ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަރަދުކޮށްފައިވަނީ ބަޖެޓުގެ މަޤްޞަދު ހާސިލްވާގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. އަދި ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ކުރައްވާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 180 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން 178 މިލިއަން ރުފިޔާ އެ އަހަރު ހޭދަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮޑިޓް ރިޕޯޓަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީ ގެކޮޅުގެކޮޅުވެސް ހިމެނޭހެން ނެރުއްވާފައިވާ ބަޔާނެކެވެ.

މި އޮޑިޓް ރިޕޯޓްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަރަދުތަކުގެ ތަފްސީލްތައްވެސް ހިމަނުއްވާފައެވެ.