ޚަބަރު

ޕުޓިން ޔޫކްރެއިނުގެ ޚަރްސަނާއި ލުހާންސްކަށް ވަޑައިގަންނަވައިފި


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޔޫކްރެއިނުގެ ޚަރްސަނާއި ލުހާންސްކަށް ވަޑައިގަންނަވައި، އެ ސަރަޙައްދުތަކަށް އަތްގަދަކޮށްގެން އުޅޭ ރަޝިޔާގެ ސިފައިންނާ ބައްދަލު ކުރައްވައިފިއެވެ. ޚަރްސަނަކީ ޔޫކްރެއިނުގެ ދެކުނުގައިވާ ސަރަޙައްދެކެވެ. އަދި، ލުހާންސަކީ އެ ޤައުމުގެ އިރުމަތީގައިވާ ދޮންބާސް އެކުލެވިގެންދާ ދެ ސަރަޙައްދުގެ ތެރެއިން އެއް ހިސާބެވެ.

ޕުޓިން ޔޫކްރެއިނަށް ވަޑައިގަންނަވާފައި މި ވަނީ ދޮންބާސްގައި އޮންނަ ޑޮނެޓްސްކުގެ ރަށެއް ކަމަށްވާ ބަޚްމުތަށް އަތްގަދަކުރަން ރަޝިޔާގެ ފައުޖުތަކުން ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބަޚްމުތަށް ރަޝިޔާއިން ފޮނުވާފައިވާ ފައުޖުތަކުގެ ތެރޭގައި ގިނައީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ.

ޕުޓިން ޔޫކްރެއިނަށް ވަޑައިގަންނަވާފައިވާ ކަން ހާމަކޮށްފައި ވަނީ ކްރެމްލިނުންނެވެ. ކްރެމްލިނުން ބުނީ ޚަރްސަނަށް ކުރެއްވި ދަތުރުފުޅުގައި އަސްކަރިއްޔާގެ އިސް އޮފިސަރުންގެ ބައްދަލުވުމެއްގައި ޕުޓިން ބައިވެރިވެ ވަޑައިގެންނެވި ކަމުގައެވެ. އަދި، ލުހާންސްކަށް ވަޑައިގަންނަވައި، ރަޝިޔާގެ ނޭޝަނަލް ގާޑުގެ މައި މަރުކަޒަށް ޒިޔާރަތް ކުރެއްވި ކަމުގައި ވެސް ކްރެމްލިނުން ބުނެއެވެ.

ޕުޓިންގެ އަރިހުގައި ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫއާއި ޗީފް އޮފް ޖެނެރަލް ސްޓާފް ވެލެރީ ގެރެސިމޮފް ދަތުރުކުރައްވާފައެއް ނުވެއެވެ. އެއީ، ސަލާމަތީ ސަބަބުތަކަށް ޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް ކްރެމްލިނުން ބުނެއެވެ.

ޔޫކްރެއިނުން ވަނީ ޕުޓިންގެ ދަތުރުފުޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރު މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވީ، މިއީ ޔޫކްރެއިނުގެ ޢާންމު ރައްޔިތުން ގަތުލުކޮށް، އެ މީހުން ލޭ އޮހޮރުވައިލާފައިވާ ފަސްގަނޑު ބައްލަވައިލައްވަން ކުރެއްވި ދަތުރުފުޅެއް ކަމުގައެވެ.

ރަޝިޔާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ރަށްތަކުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާ ސިފައިން އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ކުށްތަކާއި ޖަރީމާތައް ހިންގާފައިވާ ކަމަށް ޔޫކްރެއިނާއި ހުޅަނގުން ތުހުމަތު ކުރެއެވެ. ނަމަވެސް، ރަޝިޔާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާގެ ސިފައިން ފެށި ހަނގުރާމައިގައި އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ އިރުމަތީގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއާއި ޚަރްސަނެވެ. ނަމަވެސް، ޔޫކްރެއިނުގެ ފައުޖުތަކުން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޚަރްސަންގެ ބޮޑު ސަރަޙައްދެއް ވަނީ މިނިވަންކޮށްފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ގިނަ ޢަދަދެއްގެ ޤައުމުތަކެއްގެ ލީޑަރުން ވަނީ ކީވަށް ވަޑައިގަންނަވައި ޒެލެންސްކީއާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް، ޕުޓިން ޔޫކްރެއިނަށް އަރައިވަޑައިގަންނަވާފައި ވަނީ މަދު ފަހަރެއްގައެވެ. ހުސްވި މާރިޗު މަހުގެ ތެރޭގައި ޔޫކްރެއިނުގެ ދެކުނުގައިވާ ކްރައިމިޔާއަށް އޭނާ ވަޑައިގެންނެވިއެވެ. އަދި، އިރުދެކުނުގައިވާ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ މަރިޔުޕޮލަށް ވެސް ވަޑައިގެންނެވިއެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން ފޭރިގަނެފައިވާ ބިމެކެވެ.