އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ސޫރިޔާގައި ފިލައިގެން އުޅުނު އައި.އެސް. ޖަމާޢަތުގެ އިސް މެންބަރެއް މަރައިލައިފިއެވެ. އެމެރިކާ ސިފައިން އަސްކަރީ އޮޕަރޭޝަން ހިންގާފައި ވަނީ ސޫރިޔާގެ އުތުރުގައިވާ ޖަރާބުލުސްއާ ހުޅަނގުން 25 ކިލޯމީޓަރު ދުރުގައި އޮންނަ އަލް-ސުވައިދިއްޔާ ކިޔާ ރަށެއްގައެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އިސް އިދާރާ – ޔޫ.އެސް. ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ، އަސްކަރީ އޮޕަރޭޝަނުގައި މަރައިލާފައިވާ އައި.އެސް.ގެ އިސް މެންބަރަކީ އެމެރިކާގެ އިތުރުން ވިލާތުގެ ޤައުމުތަކަށް އަމާޒުކޮށް ޓެރެރިސްޓު ހަމަލާތައް ދިނުމަށް ރާވަމުންދިޔަ މީހެއް ކަމުގައެވެ.
އޭނާ މަރައިލުމަށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުތައް އޭނާ ދިރިއުޅޭ ކަމަށް ބެލެވޭ ޢިމާރާތް ކައިރިއަށް ގޮސްފައި ވަނީ ސިއްރިޔާތުގައެވެ. އަދި، އޭނާ ދިރިއުޅޭ ގެޔަށް ވަދެ، އޭނާ މަރައިލާފައިވާނެ ކަމުގައި ސެންޓްކޮމުން ބުނެއެވެ. މި އޮޕަރޭޝަންގައި ސޫރިޔާގެ ޢާންމު ރައްޔިތުންގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ނުވި ނަމަވެސް، އައި.އެސް. ޖަމާޢަތުގެ އިތުރު ދެ މެންބަރުން މަރުވި ކަމުގައި ވެސް ސެންޓްކޮމުން ބުނެއެވެ.
މަރައިލާފައިވާ އައި.އެސް.ގެ މެންބަރަކީ ޖަރާބުލުސްގެ ދެކުނުން އޮންނަ މަންބީޖުގެ ޖަލެއްގައި ކުރިން ބަންދުކޮށްފައި ހުރި މީހެއް ކަމުގައި، ސޫރިޔާގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ އިނގިރޭސިވިލާތުގެ ޖަމުޢިއްޔާ – ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުނެއެވެ. އޭނާ މިނިވަން ކޮށްފައި ވަނީ މީގެ ހައެއްކަ މަސް ކުރިން ކަމަށާއި، އޭގެ ފަހުން އޭނާ އަލް-ސުވައިދިއްޔާއަށް ބަދަލުވެފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.
އެމެރިކާގެ އޮޕަރޭޝަނުގައި ދެން މަރުވި ދެ މީހުންނަކީ ތުރުކީވިލާތުން ވާގިވެރިވާ ހަނގުރާމަވެރި ގުރޫޕަކަށް ނިސްބަތްވާ ދެ މީހުންނެވެ. އައި.އެސް. ޖަމާޢަތުން އަތްގަދަކޮށްފައިވާ އިރާޤާއި ސޫރިޔާގެ ބިންތަކުން 2019 ވަނަ އަހަރުގެ މާރިޗު މަހު އެ ޖަމާޢަތް ފައްސައިލުމާ ގުޅިގެން، އެ ޖަމާޢަތުގެ ގިނަ ޢަދަދެއްގެ މެންބަރުންތަކެއް ތުރުކީވިލާތުން ވާގިވެރިވާ ޖަމާޢަތްތަކާ ގުޅިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އޭޕްރިލް މަހުގެ ކުރީކޮޅު ވެސް އެމެރިކާއިން ވަނީ ސޫރިޔާގައި ހުރި އައި.އެސް. ޖަމާޢަތުގެ އިސް ލީޑަރެއް މަރައިލާފައެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ވައިގެ ހަމަލާތަކެއްގައި މަރައިލާފައި ވަނީ ޚާލިދް އަޢިދް އަޙްމަދު އަލް-ޖަބޫރީއެވެ. އޭނާއަކީ ވިލާތުގެ ބައެއް ޤައުމުތަކުގެ އިތުރުން ތުރުކީވިލާތުގައި ޓެރެރިސްޓް ހަމަލާތަކެއް ދިނުމަށް ރޭވި މީހެއް ކަމުގައި ސެންޓްކޮމުން ބުނެއެވެ.
އައި.އެސް. ޖަމާޢަތުގެ އެންމެ އިސް ލީޑަރު އެމެރިކާއިން މަރައިލާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަބޫ ބަކުރު އަލް-ބަޣުދާދީ މަރައިލާފައި ވަނީ ސޫރިޔާގެ ހުޅަނގުދެކުނުގައިވާ ހިސާބެއްގައި ފިލައިގެން އުޅެނިކޮށެވެ. އޭނާގެ ފަހުން އައި.އެސް. ޖަމާޢަތުގެ އިސް ލީޑަރުގެ މަޤާމާ ހަވާލުވި ދެ މީހުން ވެސް އެމެރިކާއިން ވަނީ މަރައިލާފައެވެ.