ޚަބަރު

އެމްޕީއެލްގެ އަވަސް ޚިދުމަތާއެކު، ބާޒާރުގައި ދަތިކަމެއް ނެތް


ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭ އަވަސް ޚިދުމަތާއެކު ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރ ނުކުރެވިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ޝަކުވާތަކަށް ނިމުމެއް އައިސްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ޚާއްޞަގޮތެއްގައި ރޯދަމަހާ ދިމާކޮށްވެސް އެ ކުންފުނިން ޚިދުމަތްތަކަށް ބަދަލުތައް ގެނެސް، މުދާ ކްލިއަރކުރުން އަވަސްކުރުމަށް އިތުރު މަސައްކަތްތައް ކުރެއެވެ.

އެމްޕީއެލްގެ ހެޑް އޮފް ކާރގޯ ކްލިރިއަރެންސް، އެސިސްޓަންޓް ޖެނެރަލް މެނޭޖަރ ޠަލްޙަތު ސަޢީދު ވިދާޅުވީ ކަނޑުމަގުން ގެންނަ އަވަހަށް ކްލިއަރކުރަންޖެހޭ ކާބޯތަކެތި ފަދަ ޕެރިޝަބަލް މުދާ ކްލިއަރކުރުމަށް ކަނޑައެޅި ވަގުތީ ސަރަޙައްދުގެ ސަބަބުން މުދާ ކްލިއަކުރުން ވަރަށް ބޮޑަށް އަވަސްވިކަމަށެވެ.

"ބޯޓުތައް ހުސްކުރުމަށް ހޭދަކުރާ 2 ދުވަސް 3 ދުވަސް ގާތްގަނޑަކަށް 16 ނުވަތަ 17 ގަޑިއިރު ތެރޭގައި ބަދަލުކުރެވިގެންދިޔަ. އަދި ބަލާ މުދާ ވީހާސް އަވަހަކަށް ކަސްޓަމަރުންނަށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިގެންދިޔަ" ކަމުގައި ޠަލްޙަތު ވިދާޅުވިއެވެ.

ޠަލްޙަތު ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު ވެސް އަވަހަށް މުދާ ކްލިއަރކުރުމަށް ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިން ކަމަށެވެ. އަދި އެކަމުގެ މުދާ ކްލިއަރ ނުކުރެވިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ޝަކުވާތަކަށް ނިމުމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އާންމުކޮށް އަޑުއިވޭނެ މާލެ ބާޒާރުން މުދާ ކްލިއަރކުރުމުގައި ދަތިތަކެއް ހުރުމުން ރޯދަމަހު ޚާއްޞަކޮށް ތަކެތީގެ އަގު އުފުލޭ ކަމަށް. ނަމަވެސް ނިމިދިޔަ އަހަރާއި މި އަހަރުގެ ރަމަޞާންމަހު އެކަހަލަ އަޑެއް އިވިފައި ނުވަނީ އެމްޕިއެލްއިން ކުރަން ޖެހޭ ކަންތައް ބަރާބަރަށް ދުރާލައި ރާވާއިގެން ކުރިއަށް ގެންދެވިފައި ވާތީ" ޠަލްޙަތު ވިދާޅުވިއެވެ.

އެމްޕިއެލްއިން މިފަހަރު އެންމެ ބޮޑަށް އިސްކަންދިނީ ޓްރާންސްޕޯޓް މިނިސްޓްރީން ރޯދަމަހު މުދާ އުފުލުން ހުއްދަދީފައިވާ ވަގުތުތަކަށް ބަަލައިގެން މުދާ ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. މީގެ އިތުރުން މަސައްކަތް އަވަސްކުރުމަށް އިތުރު އުޅަނދުވެސް އެމްޕީއެލްއިން ގެނެސްފައިވެއެވެ.