ޚަބަރު

ޔަމަނު ހަނގުރާމަ ހުއްޓުވަން ސަޢުދީން ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދުކޮށްފި


ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަޢޫދީ ޢަރަބިއާއިން ޔަމަނަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު، މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މި އޭޕްރިލް މަހުގެ 8 ން 13 އަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔާފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަޢުދީ އަރަބިއާގެ ވަފުދުގެ މި ބައްދަލުވުންތަކަކީ މާޗް 2021 ގައި އިޢުލާނުކުރި ސަޢުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022ގައި ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އދ. ން އިޢުލާނު ކުރީއްސުރެ އެޤައުމުގެ މަސްރަޙަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ބަޔާނުގައި ވަނީ ޔަމަނުގައި ތަރައްޤީ އާއި ފާގަތިކަމާއި، ޞުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޔަމަނުގެ ޤާނޫނީ ސަރުކާރަށާއި ޙޫޘީންނަށް ގޮވާލާފައެވެ.

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ހަލުވިވެފައި ވަނީ، ދާދިފަހުން ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް އެއްބަސްވުމާ ގުޅިގެންނެވެ. މެދުއިރުމަތީގެ އެންމެ ގަދަ ދެބާރު ކަމުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އަލުން ގުޅުން ޤާއިމުކޮށްފައި ވަނީ މާރިޗު 10 ވަނަ ދުވަހުއެވެ.

ސަޢޫދީ ޢަރަބިއްޔާ އާއި ހޫޘީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވެފައެވެ. އެއީ، ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި، އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އެ މުއްދަތު ހަމަވުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އަލުން ޙަމަލާ ބަދަލުކުރަން ފަށާފައެއް ނުވެއެވެ.