ޚަބަރު

ނައީމާގެ މަރުގެ ފަހަތުގައިވާ މީހުން ހޯދަން ހިންގާ ތަޙްޤީޤާމެދު ޔަޤީންކަން އެބައޮތް: ސީޕީ


ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަޙްޤީގުކުރާ ފުލުހުންގެ ޓީމުގެ މަސައްކަތާމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މަނަދޫގައި މަރުވެފައި އޮތްވައި މިމަހުގެ 7 ވަނަ ދުވަހު ފެނުނު ނ.މަނަދޫ އަންނާރުމާގެ ނަޢީމާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް ދަނީ މަނަދޫގައި މިހާރުވެސް ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަޙްޤީޤާ ގުޅޭގޮތުން މިހާތަނަށް ފުލުހުން މާގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނަދޫ ޙަރަކާތްތެރިވާ ފުލުހުންގެ ތަޙްޤީޤު ޓީމުން އަންނަނީ ވަރުބަލިކަމެއް މަސައްކަތްކުރަމުން ކަމަށެވެ. އަދި ނަޢީމާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ މީހުން ހޯދުމަށް ޙަރަކާތްތެރިވާ އިންވެސްޓިގޭޓަރުން، ފްރޮންސިކް އަދި މަނަދޫ ޕޮލިސްގެ ފުލުހުންގެ މަސައްކަތާމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޙަމީދު ވިދާޅުވިއެވެ.

ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނަޢީމާގެ މަރުގެ ތަޙްގީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލާއިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ ނަގާފައެވެ.

މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ނަޢީމާގެ ގެއަށް ޢާންމުކޮށް ވަދެއުޅޭ މީހުންނާއި، އެނޫންވެސް ބައެއް މީހުންގެ އިނގިލީގެ ނިޝާން ފުލުހުން ނަގާފައިވާ ކަމަށެވެ. އަދި ރަށުގެ އެކި ސަރަޙައްދުތަކަށް ފުލުހުން ގޮސް ބައެއް މީހުންނާއި ސުވާލުކުރަމުން އަންނަކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ނަޢީމާގެ މަރާ ގުޅިގެން، ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރައި ފޭބުމާއި، އުޅަނދުފަހަރު އެ ރަށަށް ދަތުރުނުކުރުމަަށްވެސް ވަނީ އަންގާފައެވެ.