ޚަބަރު

ނަޢީމާގެ މަރުގެ ތަޙްޤީޤަށް ބައެއް މީހުންގެ ސާމްޕަލް ނަގައިފި


ނ.މަނަދޫ އަންނާރުމާގެ 62 އ، ނަޢީމާ މޫސާގެ މަރުގެ މައްސަލާއިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ނަގައިފިއެވެ.

ގިނަ ޒަޚަމްތަކާއެކު މިމަހުގެ 7 ވަނަ ދުވަހު މަރާލާފައި އޮއްވައި ފެނުނު ނަޢީމާގެ މަރުގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލާގައި މާގިނަ ތަފްޞީލެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ނަޢީމާގެ ގެއަށް ޢާންމުކޮށް ވަދެ އުޅޭ މީހުންނާއި، އެނޫންވެސް ބައެއް މީހުންގެ އިނގިލީގެ ނިޝާން ފުލުހުން ނަގާފައިވާ ކަމަށެވެ. އަދި ރަށުގެ އެކި ސަރަޙައްދުތަކަށް ފުލުހުން ގޮސް ބައެއް މީހުންނާއި ސުވާލުކުރަމުން އަންނަކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ނާޢީމާގެ މަރުގެ ތަޙުޤީޤުކުރިއަށް ގެންދަނީ ހޮމިސައިޑް ނުވަތަ މަރާލާފައިވާ މީހެއްގެ ތަޙުޤީޤުގެ ގޮތުގައެވެ. އަދި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ޚާއްޞަ ތަޙްޤީޤު ޓީމަކާއި، ފޮރެންސިކް ތަޙްޤީޤު ޓީމަކާއި ފޮރެންސިކް ޕެތޮލޮޖިސްޓެއް އަންނަނީ މަނަދޫގައި ޙަރަކާތްތެރިވަމުންނެވެ.

ނަޢީމާގެ މަރާ ގުޅިގެން، ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރައި ފޭބުމާއި، އަދި އުޅަނދުފަހަރު ރަށަށް ދަތުރުކުރުމުގަ އިވެސް ފުލުހުންގެ ހުއްދަ ނެތި ނުކުރުމަށް ވަނީ އަންގާފައެވެ. އަދިވެސް ޢަމަލުކުރަމުންދަނީ މިގޮތަށްކަމަށް މަނަދޫ ކައުންސިލުން ވިދާޅުވިއެވެ.