ޚަބަރު

ޤާސިމްގެ ޤާތިލު، އަދުހަމް މަރަން ޙުކުމްކޮށްފި


ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ޓެކްސީ ޑްރައިވަރު، ޤާސިމް ޙަސަން މަރާލުމުގެ ކުށް ސާބިތުވެފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު މަރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޤާސިމްގެ މަރާ ގުޅިގެން ހުރިހާ ވާރިސުންގެ ހެކިބަސް ނަގާފައިވެއެވެ. ޤާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މިވަގުތު ތިބި އޭނާގެ ފަސް ދަރިން ވަނީ މަރަށް މަރު ހިފުމަށް އެދޭކަމަށް ބުނެފައެވެ. އަދި މި މައްސަލަ ބެއްލެވި ޤާޟީ ވަނީ މަރަށް މަރުހިފުމަށް ޤާސިމްގެ ވާރިސުން އެދިފައިވާތީ އަދުހަމް މަރަން ޙުކުމްކޮށްފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އަދުހަމް، ޤާސިމަށް ވަޅިއަކުން ޙަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންކަން ތަޙްޤީޤަށް ސާބިތުވެފައި ވެއެވެ. ޤާސިމްގެ މަރާ ގުޅިގެން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއެވެ.

ޤާސިމް މަރާލުމުގެ ކުށް ސާބިތުވެފައިވާ އަދުހަމްގެ މައްޗަށް ޝަރީޢަތުގައި ކުށް ކަނޑައަޅާފައިވާއިރު، އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކޮށްފައިވަނީ މިދޔަ މަހުގެ 19 ގައެވެ. އެދުވަހުގެ ޝަރީޢަތުގައި ޙުކުމް އިއްވަމުން ޤާޟީ ނަދީމް ވިދާޅުވީ، ޤާސިމް ޙަސަން މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީ.އެން.އޭ ފެނިފައިވާތީ ވަޅި ހެރިކަމާމެދު އެއްވެސް ޝައްކެތް ނެތްމިންވަރަށް ޔަޤީން ވެފައިކަމަށެވެ. އަދި ވަޅީގެ މައްސަލާގައި އަދުހަމް އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް، ވަޅި ހެރިކަމަށް އޭނާ އެއްބަސްވެފައިވާކަމަށް ޤާޟީ ވިދާޅުވިއެވެ.

ޤާސިމް މަރާލުމުގައި އަދުހަމް، ޤާސިމްގެ ކަރަށް ވަޅި ހަރާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫންކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށްފަހު، ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުން ވެސް މިއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށް ހުކުމުގައިވެއެވެ. އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ އެ ވަގުތު ހުރީ އޭނާ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށް ވެސް އަދުހަމަށް ހުކުމް އިއްވަމުން ޤާޟީ ވިދާޅުވިއެވެ.