ސޫދާންގެ ރިޔާސީ ގަނޑުވަރާއި، އަސްކަރިއްޔާގެ އިސްވެރިޔާގެ ގެކޮޅާއި، ޚަރްތޫމް ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ހިސާރުކޮށްފައިވާ ކަމަށް އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)އިން ބުނެފިއެވެ. އާރް.އެސް.އެފުން މިހެން ބުނި ނަމަވެސް، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ. އަދި، އާރް.އެސް.އެފްގެ މެންބަރުންނާ ހަނގުރާމަ ކުރަމުންދާ ކަމުގައި އަސްކަރިއްޔާއިން ބުނެއެވެ.
ނަމަވެސް، ރިޔާސީ ގަނޑުވަރު ހިފަން އާރް.އެސް.އެފުން މަސައްކަތްކޮށް، ބަޣާވާތެއްކޮށްގެން ސޫދާންގެ އިންތިގާލީ ސަރުކާރު ވައްޓައިލަން މަސައްކަތްކޮށްފައިވާ ކަން އެ ޤައުމުގެ އެކި އިދާރާތަކުން ކަށަވަރުކޮށްދެއެވެ. ވެރިރަށް ޚަރްތޫމްގައި އަސްކަރިއްޔާއާއި އާރް.އެސް.އެފްގެ މެންބަރުންނާ ދެމެދު ހަމަލާ ބަދަލުކުރަމުންދާ ކަމުގައި މަންޒަރު ފެނުނު ފަރާތްތަކުން ބުނާއިރު، އަސްކަރީ ހަތިޔާރާއި އުޅަނދުފަހަރު މަގުތަކުގައި ހަރަކާތްތެރިވާ މަންޒަރު ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ. އަދި، ހަމަލާ ބަދަލުކުރުންތަކުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައި ޚަރްތޫމްގެ ހޮސްޕިޓަލްތަކުން ބުނެއެވެ.
އާރް.އެސް.އެފުން ބުނީ، އެ ޖަމާޢަތުން ރިޔާސީ ގަނޑުވަރު ހިސާރުކުރަން މަސައްކަތް ފެށީ، އަސްކަރިއްޔާއިން އެ ޖަމާޢަތުގެ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުން ކަމުގައެވެ. އަދި، ޚަރްތޫމްގެ އިތުރުން އެ ޤައުމުގެ އުތުރުގައިވާ މެރޯވޭއާއި ހުޅަނގުގައިވާ އަލް-ޢުބައިދުގެ ވައިގެ ބަނދަރު ހިސާރުކޮށްފައިވާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް، އެއްވެސް ރަސްމީ އިދާރާއަކުން އެ ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސޫދާންގެ އަސްކަރިއްޔާއިން ބުނީ އާރް.އެސް.އެފްގެ އަމާޒުތަކަށް ހަމަލާދެމުންދާ ކަމުގައެވެ. އަދި، އަސްކަރިއްޔާގެ މަތިންދާބޯޓުތަކުން އެ ޖަމާޢަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންދާ ކަމުގައެވެ. ޚަރްތޫމްގެ އިތުރުން ވެރިރަށާ އިންވެގެން އޮންނަ އެހެން ރަށްތަކުގައި ވެސް އަސްކަރިއްޔާއާއި އާރް.އެސް.އެފާ ދެމެދު ދަނީ ހަމަލާ ބަދަލުކުރަމުންނެވެ.
އާރް.އެސް.އެފް.ގައި 100,000 އަށްވުރެ ގިނަ ހަނގުރާމަވެރިން ތިބެއެވެ. އެ ޖަމާޢަތުގެ ވެރިއަކީ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. އޭނާގެ ފައުޖުތަކުން އަސްކަރިއްޔާގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމުގައި މަންޒަރު ފެނުނު މީހުން ބުނަމުންދާއިރު، އެ ޖަމާޢަތަކީ ސޫދާންގެ ގުޅިފައިވާ އިންތިގާލީ ސަރުކާރުގެ ބައިވެރިއެކެވެ. އެ ޤައުމުގައި ވެރިކަން ކުރާ އިންތިގާލީ ސަރުކާރު ނުވަތަ ސޮވެރެން ކައުންސިލް އެކުލެވިގެން ވަނީ އަސްކަރިއްޔާއާއި، އާރް.އެސް.އެފާއި، އެހެން ސިޔާސީ ޕާޓީތަކުގެ މައްޗަށެވެ.
ސޫދާންގެ ހަމަނުޖެހުން ބޮޑު ދާރްފޫރުގެ ބާރުގަދަ ހަތިޔާރުއެޅި ޖަމާޢަތަކަށް ނިސްބަތްވާ ދަގަލޯ މަސައްކަތް ކުރަމުން ދަނީ ސޫދާންގެ ވެރިކަން ހޯދުމަށެވެ. އަދި، ޑިމޮކުރަސީގެ ހަމަތަކުގެ މަތިން އައު ސަރުކާރެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވެރިކަމަށް އައުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިއީ އެ ޤައުމުގެ ސޮވެރެން ކައުންސިލުގެ އެހެން މެންބަރުން ރުހޭ ކަމެއް ނޫނެވެ.
ވެރިރަށް ޚަރްތޫމްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓައިނުލައިފި ނަމަ، އެ ޤައުމުގެ ދާޚިލީ މަސްރަޙު ހޫނުވެ، ނުރައްކާތެރި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، ޑިމޮކުރަސީގެ ހަމަތަކުގެ މަތިން އައު ސަރުކާރެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ. އެމެރިކާއާއި ރަޝިޔާއިން ވެސް ވަނީ ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާފައެވެ.
ދިގު މުއްދަތެއް ވަންދެން ސޫދާންގައި ވެރިކަން ކުރި އެ ޤައުމުގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރުގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލުމުގައި އެ ޤައުމުގެ އަސްކަރިއްޔާއާއި އާރް.އެސް.އެފް. ވަނީ ގުޅިގެން މަސައްކަތް ކޮށްފައެވެ. އަލް-ބަޝީރުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2019 ވަނަ އަހަރެވެ.
ސޫދާނުގައި އިންތިޚާބެއް ބާއްވައި، އައު ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، އާރް.އެސް.އެފުން ވަނީ އެ ޖަމާޢަތުގެ ހަތިޔާރުއެޅި މެންބަރުންގެ ބާރާއި ނުފޫޒު ގަދަކުރަން މަސައްކަތް ފަށާފައެވެ. 2019 ވަނަ އަހަރަށް ފަހު އެކުލަވައިލި އިންތިގާލީ ސޮރެވެން ކައުންސިލު ހިންގަނީ އަސްކަރިއްޔާގެ ޖެނެރަލް ޢަބްދުލް ފައްތާޙް އަލް-ބުރްހާނެވެ. ދަގަލޯ މަސައްކަތް ކުރަނީ އޭނާގެ ނައިބުގެ ގޮތުގައެވެ.