ޚަބަރު

ބައި-އިލެކްޝަން: ބާކީ 2 ގަޑިއިރު، %60 މީހުން އަދިވެސް ވޯޓެއް ނުލާ


މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލާން ކަނޑައަޅާފައިވާ ވަގުތު ހަމަވާން 2 ގަޑިއިރަށްވީރުވެސް ވޯޓްލުމުގެ ޙައްޤު ލިބިފައިވާ 60 އިންސައްތަ މީހުން ވޯޓްލާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ޢާއްމުކުރައްވައިިފައިވާ މައުލޫމާތުތައް ދައްކާގޮތުން ވޯޓްލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން މިހާތަނަށް ވޯޓްލާފައިވަނީ 1383 މީހުންނެވެ. އެއީ 689 ފިރިހެނުންނާއި 694 އަންހެނުންނެވެ. މިއީ ވޯޓްލުމުގެ ޙައްޤުލިބިފައިވާ މީހުންގެ 40.4 އިންސައްތައެވެ. އެހެންކަމުން ވޯޓްނުލާ އަދިވެސް 60 އިންސައްތައެއްހާ މީހުން އެބައުޅެއެވެ.

އިންތިހާބުގައި ވޯޓްލުން ކުރިއަށްދާނީ ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އެހެންކަމުން ބާކީ ދެން އޮތީ 2 ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެކެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި މައްސަލަތަކެއް ދިމާވެ، ނުވަތަ ހަމަނުޖެހުމެއް ހިންގުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. ވޯޓްލުން ކުރިއަށްދާ 4 ސަރަހައްދުގައިވެސް ވޯޓްލުން ކުރިއަށްދަނީ އަމާންކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވައިފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ހަވީރު 4:00 އާ ހަމައަށް ކުރިއަށްގެންދެވުމަށެވެ. އަދި ހަވީރު 4:00 ޖަހާއިރު ވޯޓު ފޮށި ކައިރީގައި ވޯޓުލާން މީހަކު ނެތްނަމަ ފޮށި ބަންދުކުރައްވައި 30 މިނެޓުފަހުން ވޯޓު ގުނަން ފެށްޓެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.

މިފަހަރުގެ ބައި-އިލެކްޝަން ރޯދަމަހު ކުރިއަށް ދިޔަނަމަވެސް، އިންތިޚާބުގެ ކަންކަމަށްވެސް އެއްވެސް ބަދަލެއް ގެންނަވައިފައެއް ނުވެއެވެ.

ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.