ދުނިޔޭގެ ވިޔަފާރި

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އިގްތިސާދީ ދުވެލި ދަށަށް!


ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު 29.1 އިންސައްތަ މަޑުޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޔުކްރެއިންގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު 29.1 އިންސައްތަ މަޑުޖެހުނަސް މިއީ ސަރުކާރުން ކުރިން ލަފާކުރި މިންވަރަށް ވުރެ ދަށް އަދަދެކެެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ލަފާކޮށްގެން ތިބީ މިދިޔަ އަހަރުގެ އިގްތިސާދީ ދުވެލި %30 އަށް މަޑުޖެހޭނެކަމަށެވެ.

މިދިޔަ ފެބްރުއަރީމަހު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދިހަހާސް މީހުން މަރުވެ، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ބޮޑެތި ސިނާއަތާއި ޕަވަރ ގްރިޑާއި ދަނޑުވެރިކަމުގެ ދާއިރާއަށް ވަނީ ގެއްލުން ލިބިފައެވެ.

ޔުކްރެއިންގެ އިގްތިސާދުގެ މައިގަނޑު ބިންގާ ކަމަށްވާ ދަނޑުވެރިކަމާއި ދަގަނޑު އެކްސްޕޯޓް ކުރުމަށް މުހިންމު ބްލެކް ސީގެ ބަނދަރުތަކަށް މިހާރު ވަނީ ޔޫކްރޭނަށް ވަދެވޭނެ ވަރަށް ހުޅުވާލާފައެވެ.

ސަރުކާރުން ބުނަނީ ދަތުރުފަތުރާއި ރީޓެއިލް އަދި ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ރަނގަޅުވަމުންދާތީ 2023 ވަނަ އަހަރު ޖީޑީޕީ %1 އަށް އިތުރުވެދާނެ ކަމަށެވެ.

އިގްތިސާދާއިބެހޭ ވުޒާރާއިން މިއަހަރުގެ ކުރީކޮޅު ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެކްސްޕޯޓުކުރި މިންވަރު ކުރީ އަހަރާއި އަޅާބަލާއިރު %35 އަށް ދަށްވެފައިވާ ކަމަށާއި، ފިޒިކަލް ވޮލިއުމްވެސް %38.4 ދަށްވެފައިވާކަމަށެވެ.