ޚަބަރު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓްލުން އަމާންކަމާއެކު ކުރިއަށް


ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގައެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށް ކުރިއަށްގެންދިއުމަށެވެ. އަދި ހަވީރު 4:00 ޖަހާއިރު ވޯޓު ފޮށި ކައިރީގައި ވޯޓުލުމަށް މީހަކު ނެތްނަމަ ފޮށި ބަންދުކޮށް 30 މިނެޓުފަހުން ވޯޓު ގުނަން ފެށުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިފަހަރުގެ ބައި-އިލެކްޝަން ރޯދަމަހު ކުރިއަށް ދިޔަނަމަވެސް، އިންތިހާބުގެ ކަންކަމަށްވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން 3 ކެނޑިޑޭޓެއް ވާދަކުރެއެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މި ބާއްވަނީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އަލްއުސްތާޛް އިބްރާހީމް ރިޒާ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

މިއީ މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ބައި-އިލެކްޝަނެވެ. މީގެ ކުރިންވަނީ، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަންވެސް ބާއްވާފައެވެ.