ކުޅިވަރު

ފަހަތުންއަރާ ސެވިއްޔާ އަތުން ބާސެލޯނާ މޮޅުވެއްޖެ


ފަހަތުން އަރާ ސެވިއްޔާގެ މައްޗަށް ކުރިހޯދާ، ލަލީގާ ތާވަލްގެ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ބާސެލޯނާ ނަގައިފިއެވެ. 

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ ސެވިއްޔާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވިޓޯލޯއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރީ ފޯވާޑް ލިއޮނެލް މެސީގެ ހިލޭ ޖެހުމުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު ބާސެލޯނާ މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ޖެރާޑް ޕީކޭއެވެ. 

ރޭގެ މޮޅާއިއެކު ލަލީގާ ޓީމަކުން މިހާތަނަށް ޔޫރަޕްގެ މުބާރާތްތަކުގައި މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗް ހަމަކުރި ރެކޯޑާއި ބާސެލޯނާ ވަނީ އަރާ ހަމަކޮށްފައެވެ. ރޭގެ މެޗަކީ ބާސެލޯނާ ބަލިނުވެ ހަމަކުރި 34 ވަނަ މެޗެވެ. މި ރެކޯޑް ބާސެލޯނާއާއެކު ދެން ހިއްސާކުރަނީ ވާދަވެރި ރިއާލް މެޑްރިޑެވެ. އެޓީމް މެޗަކުން ބަލިނުވެ ތިރީސް ހަތަރު މެޗް ހަމަކުރީ 1988 އަދި 1989 ގެ ސީޒަންގައެވެ. 

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލަލީގާ ތާވަލްގެ އެއްވަނާގައި ބާސެލޯނާއަށްވަނީ 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ދެވަނާގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު، އެޓީމަށްވުރެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނާގައި އޮތީ ވާދަވެރި ރިއާލް މެޑްރިޑެވެ.