ޚަބަރު

"ރަސޫލާ މުޢާމަލާތުކުރެއްވި ގޮތަށް ޢަމަލު ކުރާނަމަ މުޖުތަމަޢުގެ ހުރިހާ މައްސަލަތަކެއް ނެތިދާނެ"


ރަސޫލާ ﷺ މުޢާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ”އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް” މިމައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލްގެ އިތުރުން އައްޝައިޚް ނިމާލް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓޭޓް މިނިސްޓަރ އަނީލްގެ ވާހަކަފުޅު ފައްޓަވާފައިވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ދަތި އުނދަގޫތަކަށް ބައްލަވައި އެފަދައިން ކަންކަން ދިމާވިއިރުވެސް އެކަލޭގެފާނު އެ މުޖުތަމައުގައިވާ ފަރާތްތަކާ މުޢާމަލާތުކުރެއްވި މަތިވެރި ގޮތްތައް ތަފްސީލްކޮށް ދެއްވަމުންނެވެ. އެގޮތުން ދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއެކު އެކަލޭގެފާނަށް ކުރިމަތިވި ދުއްތުރާތަކާއި އަނިޔާތަކަށް ބައްލަވައި އެހުރިހާ ކަމެއް ހިނގިއިރުވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތަށް މި މުޖުތަމައުގެ ފަރުދުން މުޢާމަލާތުކުރާނަމަ މި މުޖުތަމަޢުގައި މިހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި، އެ މުޖުތަމައުގެ ވަކިވަކި ފަރުދުންނާމެދު މުޢާމަލާތު ކުރެއްވި ގޮތަށް ބައްލަވައި، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތާއި، ފަޤީރުންނާމެދު މުޢާމަލާތުކުރެއްވި ގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުގެ ސީރަތު ދިރާސާކޮށް އެކަލޭގެފާނު މުޢާމަލާތުކުރެއްވިގޮތް ބެއްލެވުމަށް ފޯރަމްގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނިމާލް މުޙައްމަދު ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ތަފާތު ހާދިސާތަކަށް ބައްލަވައި އެކަލޭގެފާނު ދެއްކެވި ނަމޫނާތަކަށް ވަރަށް ފުރިހަމައަށް ބައްލަވާލައްވާފައެވެ.

އަދި އޭރު އެ މުޖުތަމަޢާއި މިހާރު އަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަށް ބައްލަވައި ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ރިވެތި ގޮތްތައް އަޅުގަނޑުމެންނަށް މުހިންމުވާ ސަބަބުތަކަށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާމެދު ކަންކަން ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްތަކަށް ބައްލަވައި މިއަދު އެކަލޭގެފާނުގެ ނަމޫނާގައި އަޅުގަނޑުމެން ތިބިނަމަ މި މުޖުތަމައުގައި ގިނަވެފައިވާ ވަރި، މަދުވާނެކަމާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ޙައްލު އަންނާނެކަން ފާހަގަކުރެއްވިއެވެ.