ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުން 4.98 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ބުރާސްފަތި ދުވަހު ޕާކިސްތާންގެ ކަރާޗީން ރާއްޖެ އައި އުމުރުން 53 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ. މިއީ ޕާކިސްތާން މީހެކެވެ. މިތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ އޭނާއާމެދު ޝައްކުކުރެވިގެން ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.