ކުޅިވަރު

ކެޕިޓަލް ވަން ކަޕް ސިޓީ ކާމިޔާބުކޮށްފި


ޕެނަލްޓީގައި ލިވަޕޫލްގެ މައްޗަށް ކުރިހޯދައި ކެޕިޓަލް ވަންކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ ހޯދައިފއެވެ.

ކެޕިޓަލް ވަންކަޕްގެ ފައިނަލްގެ ނުވަދިހަ މިނެޓްގެ ކުޅުން ނިމުނުއިރު ނަތީޖާ އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ.ސިޓީގެ ލަނޑު ފެނާންޑީނިއޯ ޖަހައިދިންއިރު ލިވަޕޫލްގެ ގޯލް ޖަހައިދިނީ ފިލިޕް ކުޓީނިއޯއެވެ.

ނުވަދިހަ މިނެޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލިވަޕޫލްގެ މައްޗަށް ސިޓީކުރި ހޯދީ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސިޓީގެ ތަރިއަކަށްވީ ގޯލްކީޕަރ ވިލީ ކަބަލޭރޯއެވެ. އޭނާވަނީ ލިވަޕޫލްގެ ލުކަސް، ފިލިޕް ކުޓީނިއޯ އަދި އެޑަމް ލަލާނާ ޖެހި ޕެނަލްޓީތައް ދިފާޢުކޮށްފައެވެ. ލިވަޕޫލަށް ކާމިޔާބުކުރެވުނީ އެމްރޭ ޗޭން ޖެހި ޕެނަލްޓީ އެކަންޏެވެ. ޓީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ސާޖިއޯ އަގުއޭރޯ، ޔާޔާ ޓޫރޭ، ޔޭސަސް ނަވާސް ޖެހި ޕެނަލްޓީތައް އެޓީމުން ކާމިޔާބުކުރިއެވެ. ފެނާންޑީނިއޯ ޖެހި ޕެނަލްޓީ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ރޭގެ ޓްރޮފީއަކީ ސިޓީގެ ކޯޗެއްގެ ގޮތުގައި ޕެލްގްރިނީ އުފުލާލި ތިންވަނަ ޓްރޮފީއެވެ. މެޗަށްފަހު ޕެލްގެރިނީ ބުނީ ތައްޓެއް ކާމިޔާބުކުރެވުމަކީ އަބަދުވެސް ޚާއްސަ އުފަލެއް ލިބޭކަމެއްކަމަށާއި، މި ޓްރޮފީއަކީ ކުރިއަށްހުރި މެޗުތަކަށް ލިބުނު ހިތްވަރެއްކަމަށެވެ.