ދުނިޔެ

ރަޝިޔާއާއި ސޫރިޔާއިން ދަނީ އެއްބަސްވުމާ ޚިލާފް ވަމުން- ސަޢޫދީ


ރަޝިޔާއާއި ސޫރިޔާ ސަރުކާރުން ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާކަމަށް ސައޫދީ އަރަބިއްޔާއިން ތުހުމަތުކޮށްފިއެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ރަޝިޔާއާއި ސޫރިޔާ ސަރުކާރުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޙަމަލާތައް ދެމުން ގެންދާ މައްސަލަ، ބައިނަލްއަގްވާމީ ފަރާތްތަކަށް ހުށަހަޅާފައިވާނެކަމަށެވެ. ސައޫދީ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވީ ސައޫދީއަށް ވަޑައިގެން އުޅުއްވާ ޑެންމާކުގެ ޚާރިޖީ ވަޒީރު ކްރިސްޓިޔާން ޔެންސެން އާ އެކު ސައޫދީ ޚާރިޖީ ވުޒާރާގައި ބޭއްވެވި ނޫސް ކޮންފަރެންސެއްގައެވެ.

ޖުބައިރު ވިދާޅުވީ ހަނގުރާމަ ހުއްޓާލުގެ އެއް ބޭނުމަކީ ސޫރިޔާގެ އެކި ސިޓީތަކާއި ވިލެޖްތަކާއި އަވަށްތަކުގައި ތާށިވެ ޙާލުގައި ޖެހިފައިވާ އެތަށް ލައްކަ ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަމަށެވެ. މިކަން ކުރެވިއްޖެނަމަ ހައިހޫނު ކަމާއި ބަލިމަޑުކަމުގައިތިބި ސޫރިޔާ ރައްޔިތުންގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެކަމަށާ ނަމަވެސް ރަޝިޔާގެ ވައިގެ ޙަމަލާތަކާ އަދި ސޫރިޔާ ސިފައިންގެ އެއްގަމު ޙަމަލާތަކުގެ ސަބަބުން މިމަގްސަދު ހާސިލް ކުރަން ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބުވެއްޖެނަމަ އޭގެ ބަދަލުގައި އަމަލުކުރާނެ އެހެން ގޮތްތަކެއްވެސް ހުރިކަމަށާ މިކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އިޝާރާތް ކުރައްވާފައިވާކަމަށް ޖުބައިރު ވިދާޅުވިއެވެ.

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށް ގެނަސްފައިވަނީ ރަޝިޔާއާއި އެމެރިކާ އިސްކޮށް އޮވެގެންނެވެ. މި އެއްބަސްވުމަށް އަމަލުކުރުމުގެ މުހިއްމުކަން ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވިސްނައިދީފައިވަނީވެސް މިދެޤައުމުންނެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްކަށް ޙަމަލާތައް ދިނުން މިއެއްބަސްވުމުގައި އިސްތިސްނާ ކުރެވިފައިވާތީ އެފަދަ ޖަމާއަތްތަކުގެ މަރުކަޒުތަކަށް ވައިގެ ޙަމަލާތައް ދެމުންގެންދާކަން އެމެރިކާއާއި ރަޝިޔާއިންވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ އަމާޒުތަކަށް ޙަމަލާތައްދޭ ކަމަށް އެޖަމާއަތްތަކުގެ ލީޑަރުން ކުރައްވާ ތުހުމަތުތަކަށް ރަޝިޔާވެސް އަދި ރަޝިޔާގެ ތާއީދު ލިބިފައިވާ ސޫރިޔާ ސަރުކާރުންވެސްވަނީ އިންކާރުކޮށްފައެވެ.

ސޫރިޔާގެ ހަނގުރާމައިގެ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަރަޙަލާއަށް ވަދެފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭ މެންދަމު ބާރަގަޑި ސުންމިނިއްޓުގައެވެ. އެއަށްފަހު ފާއިތުވި ދެދުވަހުގައި ސޫރިޔާގެ ކަންކޮޅުތަކަށް ހިމޭންކަން ވެރިވެފައިވާއިރު ވަރަށް މަދު ހަމަލާތަކެއް އަޑު ނޫނީ އިވިފައިނުވާކަމަށް މުރާސިލުން ބުނެއެވެ. މިފަދަ އިސްތިސްނާއީ ބައެއް ޙަމަލާތަކާ ގުޅިގެންވެސް ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރިހާ ފަރާތްތަކަކުންވެސް އަމަލުކުރަމުން ގެންދާކަމަށާ އެ އެއްބަސްވުން ރޫޅިގެންދާފަދަ ސީރިޔަސް މައްސަލައެއް އަދި ކުރިމަތިވެފައިނުވާކަމަށް މިއެއްބަސްވުމުގެ ކަންތައް ބަލައި އޮބްޒާވް ކުރާ ވޯކިން ގުރޫޕުން ބުނެއެވެ.