ދުނިޔެ

ޕާކިސްތާނުން އިންޑިޔާގެ 20 މަސްވެރިއަކު ހައްޔަރުކޮށްފި


ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާ ޚިލާފަށް ވަދެގެންއުޅުނު އިންޑިޔާގެ މަސްވެރިންގެ 20 މީހަކު ހައްޔަރުކޮށްފައިވާކަން ޕާކިސްތާނުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ކަނޑުގެ ސަލާމަތާބެހޭ އިދާރާއިން ބުނީ އިންޑިޔާގެ މަސްވެރިންގެ 20 މީހުންނާއި އެމީހުން ދަތުރުކުރަމުން ދިޔަ 4 ބޯޓު ހިފެހެއްޓުމަށްފަހު ކަރާޗީގައި ހުންނަ ޕާކިސްތާނުގެ ކަނޑުގެ ބަނދަރުތަކާބެހޭ ފުލުހުންގެ އިދާރާއާ އެމީހުން ހަވާލުކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ކަނޑުގެ ސަލާމަތާބެހޭ އިދާރާއިން މި 20 މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. ޕާކިސްތާނުގެ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން ދައުވާ ކުރުމަށްޓަކައި އެމީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވޭނެކަމަށް އެޤައުމުން ބުނެއެވެ.

ޕާކިސްތާނުން މިދިޔަ ހަފްތާގައިވެސް ވަނީ އެޤައުމުގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާ ޚިލާފަށް ވަދެގެން އުޅުނު އިންޑިޔާގެ 16 ބޯޓާއި އެބޯޓުތަކުގައި ތިބި 88 ފަޅުވެރިން ހައްޔަރުކޮށްފައެވެ.