އިސްރާޢީލުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ މުޖާހިދުންގެ ދެ މީހުން ޝަހީދުކޮށްލައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ޔަހޫދީ ދިފާޢީ ވުޒާރާއިންނެވެ. ފަލަސްޠީނުގެ ދެ މުޖާހިދަކު ޝަހީދުކޮށްލުމުގައި ހަރަކާތްތެރިވި ސިފައިންނަށް އިސްރާޢީލުގެ ޖައްބާރު ދިފާޢީ ވަޒީރު ޔައޮވް ގަލަންޓް ވަނީ މަރުޙަބާ ކިޔާފައެވެ.
ގަލަންޓަކީ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ސިޔާސަތަކަށް ފާޑުކިޔުމުގެ ސަބަބުން ދާދި ފަހުން ދިފާޢީ ވަޒީރު ކަމުގެ މަޤާމުން ވަކިކޮށްފައިވާ މީހެކެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ ފަހުން އޭނާގެ ވަޒީފާ އަނބުރާ އިޔާދަކޮށްދީފައެވެ. ގަލަންޓް ކެބިނެޓުން ވަކިކޮށްފައި ވަނީ، ޝަރުޢީ ދާއިރާ އިސްލާޙު ކުރުމުގެ ނަމުގައި ނަތަންޔާހޫގެ ސަރުކާރުން ޤާނޫނަށް ގެންނަން އުޅުނު ބަދަލުތަކަށް ފާޑުކިޔުމުން އެ ކަމާ ހިތްހަމަނުޖެހިގެންނެވެ.
ގަލަންޓް ބުނީ، ޔަހޫދީ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައި ވަނީ ދެ ޓެރެރިސްޓުން ކަމުގައެވެ. އަދި، އެ މީހުން ޝަހީދުކޮށްލާފައި ވަނީ، ޔަހޫދީންނަށް އަމާޒުކޮށް ޓެރެރިސްޓު ޙަމަލާއެއް ދޭން މަސައްކަތް ކުރުމުން ކަމުގައި ވެސް އޭނާ ބުންޏެވެ. އެ މީހުން ޙަމަލާދޭން މަސައްކަތް ކޮށްފައި ވަނީ، ފަލަސްޠީނުގެ ބިމެއްގައި ޤަވާޢިދާ ޚިލާފަށް ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ބައިގަނޑެއް ދިރިއުޅޭ އީލޮން މޯރޭ ސަރަޙައްދުގައެވެ. އެއީ ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީގައި އޮންނަ ސަރަޙައްދެކެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ، ޔަހޫދީ ޓެރެރިސްޓު ސިފައިންގެ އުދުވާނެއްގައި ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، ޝަހީދުކޮށްލާފައިވާ ދެ މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ދެ މީހުން ދަތުރުކުރި ކާރުގެ ތެރެއިން "އެމް-16" މަރުކާގެ ދެ އެސޯލްޓް ރައިފަލްއާއި ފިސްތޯލައެއް ފެނިފައިވާ ކަމުގައި ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.
ޔަހޫދީ ޖައްބާރު ސިފައިން މި އަހަރު ފެށުނު ފަހުން ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މި ވަނީ 96 އަށް އަރާފައެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ މީހުންގެ ތެރޭގައި މުޖާހިދުންގެ ތެރެއިން ގިނަ ޢަދަދެއްގެ ޢާންމުން ހިމެނެއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.