ދުނިޔޭގެ ވިޔަފާރި

މެކްޑޮނަލްޑްސްއިން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ


ފާސްޓް ފުޑް ޗެއިން ރެސްޓޯރެންޓް މެކްޑޮނަލްޑްސްއިން މުވައްޒަފުންގެ މުސާރައިގެ ޕެކޭޖް ކުޑަކުރަން ނިންމައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރުދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މެކްޑޮނަލްޑްސްއިން މިގޮތަށް ނިންމަނީ ވަޒީފާއިން ވަކިކުރުމާއި ބައެއް އޮފީސްތައް ބަންދުކުރުންވެސް ހިމެނޭ ރީސްޓްރަކްޗަރއެއްގެ ތެރެއިންނެވެ.

ރޮއިޓާސްއިން ހޯމަދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަފްތާގައި އެ ކުންފުނިން ވަޒީފާއިން ވަކިކުރަން ރާވާފައިވާ ކޯޕަރޭޓް މުވައްޒަފުންގެ އަދަދު އެތައް ސަތޭކައަށް އަރާނެއެވެ.

ޕެކޭޖްތައް މަދުކުރަން ނިންމި ނަމަވެސް މެކްޑޮނަލްޑްސްއިން ވަނީ ބައެއް މުވައްޒަފުންނަށް ކުންފުނީގައި ތިބުމުގެ ފުރުސަތު ހުށަހަޅާފައެވެ. މަދުކުރި ޕެކޭޖްތަކުގެ ތެރޭގައި ޓައިޓަލްތަކަށް ބަދަލު ގެނައުމާއި ބޯނަސް އާއި އިކުއިޓީ ގްރާންޓް ފަދަ ފައިދާތައްވެސް ހިމެނެއެވެ.

މެކްޑޮނަލްޑްސްގެ ވަޒީފާތައް މަދުކުރުމާއި ބަދަލުތަކުގެ އަސަރު އެމެރިކާ އާއި އެމެރިކާއިން ބޭރުގެ މުވައްޒަފުންނާއި ކުންފުނީގެ ޝިކާގޯގެ މައި މަރުކަޒާއި ފީލްޑް އޮފީސްތަކާއި މާކެޓިން އާއި އޮޕަރޭޝަންސް ހިމެނޭ ގޮތަށް ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ކުރަމުންދާކަމަށް ވޯލް ސްޓްރީޓްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މެކްޑޮނަލްޑްސްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޯޕަރޭޓް އަދި އެހެނިހެން އޮފީސްތަކުގެ އިތުރުން ކުންފުނިން ހިންގާ ރެސްޓޯރެންޓްތަކުގައި ވެސް 150،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އެ ކުންފުނިން މިއަހަރުގެ ކުރީކޮޅު ވަނީ ކޯޕަރޭޓް ސްޓާފިން ލެވެލް ރިވިއު ކުރަމުން އަންނަކަމަށް ބުނެފައެވެ.

މެކްޑޮނަލްޑްސްގެ އެމެރިކާގެ އޮފީސްތައް ވަގުތީގޮތުން ބަންދު ކުރާނެކަމަށްވެސް މިދިޔަ ހަފްތާ އެ ކުންފުނިން ވަނީ ބުނެފައެވެ.

ޝިކާގޯގައި ހުންނަ ކުންފުނީގެ ހިދުމަތް ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމުގައިދެއެވެ. މެކްޑޮނަލްޑްސްގެ ވިޔަފާރި މިދިޔަ އަހަރު %10.9 އަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ޖެނުއަރީމަހު ރިޕޯޓްކޮށްފައިވާއިރު، އެމެރިކާގެ ވިޔަފާރި ވަނީ %5.9 އަށް އިތުރުވެފައިވެއެވެ. ނަމަވެސް ޑޮލަރުގެ އަގު ދަށްވުމުން އެމެރިކާއިން ބޭރުގައި ކުންފުނީގެ ވިޔަފާރިއަށް އަސަރުކޮށްފައިވާކަމަށް މެކެޑޮނަލްޑްސްއިން ބުނެއެވެ.