ޚަބަރު

ޔަހޫދީ ސިފައިން އަރީޙާއަށް އަރައި ފަލަސްޠީނު ކުއްޖަކު ޝަހީދުކޮށްލައިފި


އިސްރާޢީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ އަރީޙާއަށް ޔަހޫދީ ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ކުޑަކުއްޖެއް ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 15 އަހަރުގެ މުޙައްމަދު ފައްޔާޟް ބަލްހާން ކަމުގައެވެ.

ޔަހޫދީ ސިފައިންގެ އުދުވާންތައް ހިންގާފައި ވަނީ އަރީޙާ ކައިރީގައި އޮންނަ އަޤަބަތް ޖާބިރު ރެފިޔުޖީ ކޭމްޕެއްގައެވެ. މުޙައްމަދަކީ އެ ކޭމްޕުގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ ބަޑީގެ ހަމަލާތަކެއް ދީގެންނެވެ. ޔަހޫދީ ސިފައިންގެ ބަޑިތަކުން ފޮނުވައިލި ވަޒަންތައް އޭނާގެ ބޮލާއި މެޔާއި ބަނޑަށް އަރާފައިވެއެވެ. އޭނާގެ ހަށިގަނޑަށް އަރާފައި ވަނީ އެންމެ ވަޒަނެއް ނޫނެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމުޢިއްޔާއިން ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.

ޔަހޫދީ ޖައްބާރު ސިފައިން އަރީޙާއަށް އަރާފައި ވަނީ ކޮން ބޭނުމެއްގައި ކަން ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ބަރަކާތްތެރި ރަމަޟާން މަސް ފެށުނު ފަހުން ޔަހޫދީ ޓެރެރިސްޓު ސިފައިންނާއި ފުލުހުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްޠީނުގެ ބިންތަކަށް އަރައި މުސްލިމުންނަށް ހަމަލާދީ، ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކުރަމުންނެވެ. އަދި، މުސްލިމުންނަށް ފުރައްސާރަކޮށް ދުއްތުރާ ކުރަމުންނެވެ.

އޭޕްރިލް 9 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ޤަލްޤިލްޔާ ކައިރީގައި އޮންނަ އައްޒޫން ކިޔާ ރަށެއްގައި ޔަހޫދީ ސިފައިން ހިންގި އުދުވާންތަކެއްގައި އުމުރުން 20 އަހަރުގެ އަޙަދް ސާލިމް ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އޭނާގެ މެޔާއި ބަނޑަށް ޔަހޫދީ ސިފައިން ވަރަށް ގިނަ ފަހަރު ބަޑި ޖަހާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އަޙަދް ޝަހީދުކޮށްލާފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަން އަދި ސާފެއް ނޫނެވެ. މުޙައްމަދު ޝަހީދުކޮށްލަން ހިންގާފައިވާ އުދުވާނާ ގުޅޭ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން ބުނީ ފަލަސްޠީނުގެ ދެ މީހުން ޒަޚަމުވެފައިވާ ކަމަށެވެ. އެއްވެސް މީހަކު ޝަހީދުކޮށްލާފައިވާ ކަން ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ސާފުކޮށްދީފައެއް ނުވެއެވެ.

މަންޒަރު ފެނުނު މީހުން ބުނީ ޔަހޫދީ ސިފައިން އަރީޙާއަށް އަރާފައި ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކަށް ނިސްބަތްވާ މުޖާހިދުން ހައްޔަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި، އެ މީހުން އަރީޙާއަށް އެރުމާ އެކު މުޖާހިދުންގެ ޖަމާޢަތްތަކުން ޔަހޫދީ ޓެރެރިސްޓު ސިފައިންނާ ކުރިމަތިލާފައިވާ ކަމުގައި ވެސް މަންޒަރު ފެނުނު މީހުން ބުނެއެވެ. އުދުވާންތައް ހިންގުމަށް ފަހު ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ފަސް މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

މުޙައްމަދުގެ މަރާ އެކު، ޔަހޫދީ ޖައްބާރު ސިފައިން މި އަހަރު ފެށުނު ފަހުން ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މި ވަނީ 94 އަށް އަރާފައެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ މީހުންގެ ތެރޭގައި މުޖާހިދުންގެ ތެރެއިން ގިނަ ޢަދަދެއްގެ ޢާންމުން ހިމެނެއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.