ތަޢުލީމު

ދައުލަތުގެ އިދާރާތަކުން ފަސޭހައިން މައުލޫމާތު ލިބެން ހުންނަންޖެހޭ


މަޢުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ދިމާވަމުންދާކަމަށާއި، ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މަޢުލޫމާތުތައް އެއް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ މުހިއްމު ކަމެއްކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.



އިބްރާހީމް ޚަލީމް މިހެން ވިދާޅުވީ، ދައުލަތު ކަމާބެހޭ އިދާރާތަކުން، މަޢުލޫމާތު ހާމަކުރާ މުދައްރިބުން ތަމްރީނުކުރުމުގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.



މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު 2014 ވަނަ އަހަރު ތަންފީޒުކުރައްވަން ފެއްޓެވުމާއެކު، ސަރުކާރާއި ސަރުކާރުން ހޭދަކުރައްވާ ކޮންމެ މުއައްސަސާއަކާއި އިދާރާއެއްގެ މަޢުލޫމާތު އެކަމަށް އެދޭ ފަރާތްތަކަށް، ޤާނޫނާއި ޤަވާޢިދުގެ ޚުދޫގެ ތެރޭގައި ލިބިދިނުމަކީ ޤާނޫނީ ޙައްޤެކެވެ. އަދި މަސްއޫލިއްޔަތެއްވެސްމެއެވެ. އަދި މިއީ ޑިމޮކްރަސީއެއްގައި މުހިންމު އަސާސީ ޙައްޤެއްވެސްމެއެވެ. މިކަމަށްޓަކައި ޤާނޫނީ ގޮތުން އުފެދިފައިވާ، އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ގެންދަވަނީ، މަޢުލޫމާތު ލިބިދިނުމާއި މަޢުލޫމާތު ހޯދުމާމެދު ހޭލުންތެރިކަން އިތުރުކުރެއްވުމަށް ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އޭގެ ތެރޭގައި މީޑިއާގެ ވަޞީލަތްތައް މެދުވެރިކުރައްވައިގެން ކުރައްވާ މަސައްކަތާއި އެކި ފަރާތްތަކަށް ޢަމާޒުކުރައްވައިގެން ހިންގަވާ ތަމްރީންތައް ހިމެނެއެވެ. އެކޮމިޝަނުން ހިންގަވައި މިއަދު ނިންމެވި ދައުލަތު ކަމާބެހޭ އިދާރާތަކުން، މަޢުލޫމާތު ހާމަކުރާ މުދައްރިބުން ތަމްރީނުކުރުމުގެ ބައްދަލުވުމަކީވެސް މިމަސައްކަތުގެ ޙަރަކާތެކެވެ. މި ބައްދަލުވުމުގައި 5 އަތޮޅަކުން 10 މީހަކު ތަމްރީންކުރެއްވިއެވެ.



މިބައްދަލުވުމުގެ ނިމުން ފާހަގަކުރެއްވުމަށް މިއަދު އިންފޮމެޝަން ކޮމިޝަނަރގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، މަޢުލޫމާތު ފެތުރުމާއި ފޯރުކޮށްދިނުމުގެ މިނިވަންކަން ރާއްޖޭގައި އޮތްނަމަވެސް ޒިންމާދާރުކަމާ އެކީގައި ބޭނުން ނުކުރެވޭ ކަމުގައެވެ. ޚަލީލް ވިދާޅުވީ މަޢުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ދިމާވަމުންދާކަމަށާއި، ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މަޢުލޫމާތުތައް އެއް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދިޔުމަކީ މުހިއްމު ކަމެއްކަމަށެވެ. ސިކުނޑީގައި ނެތް މަޢުލޫމާތުތަކެއް އިވުމުން އެއަށް ބަރޯސާވެވިގެންދާނެ ކަމަށާއި، އެހެންކަމުން ތެދާއި ދޮގު ދެނެގަތުމުގައި ސިކުނޑީގެ މަޢުލޫމާތުތައް މުއްސަނދިކުރުމަކީ، މުޙިއްމުކަމެއްކަން ޚަލީލް ފާހަގަކުރެއްވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ވަޞީލަތްތައް ފަހިވެފައިވީ ނަމަވެސް، އެ މަޢުލޫމާތުތައް އަވަހަށް ފޯރުކޮށްދެއްވުމުގައި ދަތިތަކެއް ހުންނަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، އިދާރަތަކުން ބޭނުންވާ މަޢުލޫމާތު އާއްމުންނަށް ލިބުމުގައި ލަސްތަކެއް ދިމާވަމުންދަނީ، އެކަންކަން މެނޭޖްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށެވެ. ކޮންމެ ރައްޔިތަކަށްވެސް އޭނާ ބޭނުންވާ އޭނާއަށް ޙައްޤު މަޢުލޫމާތު ފޯރުކޮށްދޭންޖެހޭކަމަށާއި، އެކަމުގައި އެންމެ މަސްލަޙަތު ރަނގަޅުގޮތަކީ އެއީ އިންފޮމޭޝަން އޮފިސަރުންގެ ޒިންމާއެއް ކަމުގައި ހެއްދެވުންކަމަށް އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވިއެވެ. އަދި ހާމަކަންބޮޑު ގޮތެއްގައި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އިސްކަންދެއްވުމަކީ، ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެވިގެންދާނެ ކަމެއްކަން އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.



އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، މުވައްޒަފުންގެ ދަތިކަން ހުރި ތަންތަން ފިޔަވައި އެހެން އިދާރާތަކުގައި އިންފޮމޭޝަން އޮފިސަރުން ހަމަޖައްސާފައިވާ ކަމަށެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ކަމާބެހޭ އިދާރާތައް ހޭލުންތެރިކުރެއްވުމުގެ މަސައްކަތުގެ ތެރެއިން 4 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާތަނަށް ހިންގަވާފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވިދާޅުވެއެވެ.