ޚަބަރު

ކުމުންދޫ ބަނދަރާއި ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް


ކުމުންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއާއި ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިއަދު މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންްޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްޓީސީސީއާ ހަވާލުކުރި 2 މަޝްރޫޢުގެ ތެރެއިން ކިނޮޅަހު ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމާގޮތަށެވެ.

ކިނޮޅަހަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު 320 މީޓަރުގެ ސަރަހައްދަކާއި އަދި އެ ރަށުގެ ހުޅަނގުފަރާތުން 250 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 19780 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން މިއަދު ވަނީ ހދ. ކުމުންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

1500 މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫގެ ދަށުން 45760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މީގެއިތުރުން 332 މީޓަރުގެ އެއްގަމު ތޮށިލުމާއި، މިހާރު ހުރި އެއްގަމު ތޮށީގެ 154 ސަރަހައްދެއް މަރާމާތުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭންޕެއް ހެދުމާއި 120 މީޓަރުގެ ދިގު 2 މިޓަރު ފުޅާ ސަރަހައްދެއްގައި ހަބަރ ޕޭވްމަންޓްހެދުންވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.08 މިލިޔަން ރުފިޔާއަށް 570 ދުވަސް ނުވަތަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާގޮތަށެެވެ.

ކުމުންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއާއި ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.